ޚަބަރު

ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގެ ޚިދުމަތް ޖޫން މަހު ފަށަނީ


ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި އަލަށް ހެދި މެޑިކަލް ފެސިލިޓީ އަންނަ ޖޫންމަހުގެ 1 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ، އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްއަކީ ސަރުކާރުގެ ފަރާތުން އެ ފެސިލިޓީގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ފަރާތެވެ.

ކޯވިޑް-19އާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވީ މުޅި ފެސިލީޓީގެ ހުރިހާ މަސައްކަތްތައްވެސް ޖުމްލަކޮށް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ހުޅުވުމުގެ ކުރިން ވާންޖެހޭ ބައެއް ކުދި ކުދި ތައްޔާރީތަކުގެ މަސައްކަތްކަމަށެވެ.

ކޯވިޑް-19އަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީއަކީ އެއްފަހަރާ 289މީހުންނަށް ފަރުވާދެވޭނެ ފެސިލިޓީއެކެވެ. މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވީ މި ލޮކްޑައުންގެ އެންމެ ބޮޑު ބޭނުމަކީވެސް، ބަލި ފެތުރިދާނެ ޙާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ވަގުތު ހޯދުންކަމަށެވެ.

އަލީ ޝިޔާމް ވިދާޅުވީ މިހާރު ބަލިފެތުރޭ މިންވަރަށް ބަލާއިރު، ބޭނުންވާ މިންވަރަށް ވުރެ އިތުރަށްވެސް ފެސިލިޓީތަށް ޤާއިމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިއީ ފުރަބަންދަށް ލުއިދޭ ޙާލަތުގައި ބަލި ފެތުރިދާނެކަމަށް ބަލައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ވިދާޅުވިއެވެ.

"ލޮކްޑައުންގެ އެންމެ ބޮޑު ބޭނުމަކީވެސް ފެސިލިޓީތައް ތައްޔާރުމަށް ވަގުތު ހޯދުން. ހުޅުމާލޭގައި އަލަށްހަދާ 289އެނދުގެ ފެސިލިޓީގައިވެސް މިހާރު މިދަނީ ހުޅުވުމަށްކުރަންޖެހޭ ފަހުގެ މަސައްކަތްތައް ކުރަމުން. ޖޫން އެކަކަށް ނިންމާލެވޭނެ. އުންމީދުކުރަނީ މިތަންތަން ބޭނުންކުރަން ނުޖެހި ބަލިން އަރައިގަނެވޭނެކަމަށް." އަލީ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވީ 2 ބްލޮކަށް ހަދާ މެޑިކަލް ފެސިލިޓީގެ ބްލޮކް 2ގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ބޭނުންކުރެވޭ ޙާލަތަށް ގެނެވިފައި ވާކަމަށެވެ. މުޅި ފެސިލިޓީ އަންނަ ޖޫން އެކަކަށް ނިންމާލެވޭނެކަމަށެވެ.

"މިހާރު މިކުރަނީ އެންދުތައް ރޭވުންކަހަލަ ވަރަށް ކުދި މަސައްކަތްތައް. ފެސިލިޓީއަށް ސްޓާފުން މިހޯދަނީ ފޭސްތަކަކަށް ބަހާލައިގެން. މިސާލަކަށް 1-50 ޕޭޝަނުންޓުން ތިބެންޏާ ކިހާ ސިއްޙީ އެހީތެރިންކަން މަަސައްކަތްކުރާނީ. ފެސިލިޓީގައި މަސައްކަތް ކުރާނީ ސިއްޙީ އެހީތެރިންދަނީ ނަގަމުން." އަލީ ޝިއާމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ހަދާ ފެސިލިޓީއަކީ ވެންޓިލޭޓަރުގެ ފަރުވާވެސް ދެވޭގޮތަށް ހަދާ ފެސިލިޓީއެކެވެ. މިއީ 40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ މަސައްކަތް ނިންމައި އައިޖީއެމްއެޗާއި ހަވާލުކޮށްފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ.

ކޯވިޑް 19ގައި އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ މިހާރުދެނީ ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. .