ފުރަބަންދަށް ލުއިތަކެއް ދޭއިރު މިކަމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލާނީ ޒަރޫރީ ޚިދުމަތްތައްދޭ ސަރުކާރުގެ މުއައްސަސާތައް އެކަނިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށްފަހު އަންނަ "ނިއު ނޯމަލް" ނުވަތަ އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ ގޮތުގެ އުޞޫލްތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވަމުން، އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި އިއުލާންކޮށްފައިވާ ފުރަބަންދު ނަގާނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މި ޙާލަތު އިއުލާންކުރާނެ ދުވަހެއް އަދި ފައިނަލްކުރެވިފައިނުވާއިރު، މިކަން ކުރާނީ ހާލަތު މޮނީޓަރުކޮށް ރައްޔިތުންނަށް ނުރައްކާ ކުޑަވާގޮތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ފުރަބަންދަށް ލުއިތަކެއް ދޭއިރު ފުރަތަމަ ފިޔަވަހީގައި ހުޅުވާލާނީ ޒަރޫރީ ޚިދުމަތްތައް ދޭ ސަރުކާރުގެ މުއައްސަސާތައް އެކަނިކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ލައިވް ކަވަރޭޖްގައި ފޯނުން ވާހަކަފުޅުދައްވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވީ އައު ޢާއްމު ޙާލަތުގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށާ، މިއުޞޫލް ތައްޔާރު ކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށްފަހު ކަމަށެވެ.
ކޯވިޑް-19ގެ ޙާލަތަށް ތައްޔާރުވުމުގެ ކުރިންވެސް ހޮސްިޕޓަލްތަކުން ދިޔައީ އެހެން އެތައް ބަލިތަކަކަށް ފަރުވާދެމުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އައު ޢާއްމު ޙާލަތުގައި ހޮސްޕިޓަލަށް ޑޮކްޓަރަށްދައްކަންދާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެކިއެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ ޢަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ލަފާ ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ އުޞޫލްގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓލްއަށް ދާނެގޮތްތަކާއި ފުލޫ ކްލނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޯވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.