ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ބަލިން ރަނގަޅުވެ ޖުމުލަ ޢަދަދު 155އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 155އަށް އަރައިފިއެވެ. މިއާއެކު ރާއްޖޭގައި މިބަލީގައި މީހުން ރަނގަޅުވާ ރޭޓް މިވަނީ %11އަށްވުރެ އިތުރުވެފައެވެ. އެންމެ ފަހުން ބަލިން ރަނގަޅު ވި މީހާގެ ތަފްސީލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިއެއް ނުވެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މިހާތަނަށް ރަނގަޅުވެފައިވާ މީހުންގެތެރޭގައި ދިވެހިން އިތުރެވެ. މިހާތަނަށް ރަނގަޅުވި 155 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ނަކީ ދިވެހިންނެވެ.

މިހާތަނަށް 1395 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މިހަފްތާގައި ބަލިން ރަނގަޅުވީކަން ހާމަކުރި މީހުންގެ ޢަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.