މުނިފޫހިފިލުވުން

ފައިޒާންގެ "އޯ ވަޒަން" ކަވަރއިން ހިތްތަކަށް ފިނިކަން


"އޯ ވަޒަން" ނުވަތަ "ގަސް ރުކުން" މިއީ ދިވެހިންގެ ތެރޭ އަބަދަށްފެހި ލަވައެކޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ރާއްޖޭގެ ވެށީގެ ހިތްގައިމުކަމާއި، ގުދުރަތީ މުއްސަނދިކަމާއި، ޤައުމިއްޔަތުގެ ވާހަކަތަކެއް ގެނެސްދޭ މި ލަވައަކީ ކޮންމެ ދިވެއްސެއްގެވެސް ހިތަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނުވާނެ ލަވައެކެވެ.

މި ލަވައިގެ އޮރިޖިނަލް ކިޔާފައިވަނީ ޢަބްދު ﷲ ޙަސަން، މަޝްޙޫރު ނަމުންނަމަ ހޮޅުދޫ ޢަބްދު ﷲ އެވެ. އެތައް މަދަހައާއި ޤައުމީ ލަވަތަކެއް ކިޔާދީފައިވާ ހޮޅުދޫ ޢަބްދު ﷲ ގެ އެންމެ ފާހަގަކޮށްލެވޭ އަދި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ލަވައަކީ "އޯ ވަޒަން" އެވެ. ދިވެހިންގެ ހިތްތަކާ ގުޅިފައިވާ މި ލަވަ އެކި ދުވަސްވަރުމަތިން ތަފާތު ފަންނާނުން ވަނީ މިއުޒިކް ޝޯވތަކުގައި ހުށަހަޅާދީފައެވެ. އަދި އެކި ކަވަރ ވާޝަންތައްވެސް ނެރެފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން ގުނަމުންމިދާ ފުރަބަންދުގެ ދުވަސްތަކުގައި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެކި ފަންނާނުންވެސް އަންނަނީ ސޯޝަލް މީޑިއާމެދުވެރިކޮށް އެމީހުންގެ ސަޕޯޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރަމުންނެވެ. ލައިވް ބްލޮގްތައް މެދުވެރިކޮށް އެ ފަންނާނުންގެ ހުށަހެޅުންތައް ހިއްސާކުރަމުންނެވެ. މިގޮތުން ފަންނާނަކު މިވަނީ "އޯ ވަޒަން"ގެ ހިތްގައިމު ކަވަރ ވާޝަނެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

"ސްކައިރޮކް" ބޭންޑުގެ މެމްބަރެއްކަމަށްވާ އަޙްމަދު ފައިޒާން، އޭނާގެ "ގަސް ރުކުން" ކަވަރ ވާޝަން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ ޢީދު ތަޙުނިޔާއެއްގެ ގޮތުގައެވެ. ފައިޒާންގެ މި ކަވަރ ވާޝަން ތަފާތެވެ. ކުރު އެހެންނަމަވެސް ހިތްތަކަށް ފިނިކަން ގެނުވައިދެއެވެ. މީހަކު ލަވަ ކިޔާއަޑެއް ނީވެއެވެ. ބަދަލުގައި އިވެނީ ފްލޫޓަކާއި، ހޭންގް ޑްރަމަކާއި ތާރަ ބޭނުނުކޮށްގެން ކޮމްޕޯސްޑްކޮށްފައިވާ ހިތްގައިމު ރާގުކޮޅެކެވެ. މީހާކު ލަވަ ކިޔާ އަޑު ނީވުނެއްކަމަކު، ރާގުކޮޅު ކަންފަތުގައި އަޑުޖެހުމާއެކު ހިތާ ހިތުން ލަވަ ކިޔާލެވޭނެކަން ޔަޤީނެވެ.

މި ކަވަރ ވާޝަންގައި ހޭންގް ޑްރަމް ކުޅޭތަން ފެންނަނީ ފައިޒާނެވެ. ފްލޫޓްގެ ބައިން ޙުސެއިން ތަޢުފީޤު ފެނިގެންދާއިރު، ތާރައިގެ ބައިން ފެނިގެންދަނީ އިސްމާޢީލް ނިޝާމް (ޑީޖޭ ޕައިޑޭ)އެވެ.

ޓުވިޓަރގައި މި ކަވަރ ވާޝަން މިހާރު ވައިރަލް ވާންފަށާފައިވާއިރު، ފައިޒާންގެ ޕޯސްޓަަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަަޢުމޫންވެސް ވަނީ ހިތްގައިމުކަމަށް ވިދާޅުވެ ކޮމެންޓްކުރައްވާފައެވެ.

އެލައިޑް އިންޝުއަރެންސްގެ އިވެންޓެއްގެ ތެރެއިން މި ތިން ފަންނާނުންގެ އެކުގައި ގެނެސްދިން ޒީރޯ ޑިގްރީ އެޓޯލްގެ "ހުސް ފުލޯކު"ގެ އިންސްޓްރުމެންޓަލް ކަވަރ ވާޝަނަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކަވަރ ވާޝަނެކެވެ.