ޚަބަރު

ދިއްދޫގެ ފުރަބަންދުގެ ޙާލަތު ނިމުމަކަށް ގެންނަނީ


ކޯވިޑް-19އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތްއޮތުން މިއަދު ހަވީރު 6:00އިން ފެށިގެން ނިމުމަކަށް ގެންނަން ދިއްދޫ ކައުންސިލުން ވަނީ ނިއްމާފައެވެ.

ފުރަބަންދު އުވާލުމަށްފަހުވެސް ރައްކާތެރިވެ ތިބުމުގެގޮތުން ފިޔަވަޅު ތަކެއްއަޅަން ކައުންސިލުން ވަނީ ނިމާފައެވެ. އެގޮތުން ދިއްދުއަށް ލަފާ ފުރުމުގެ، 1 ދުވަސް ކުރިން ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ. މި ހުއްދަ ދޫކުރާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00އިން މެންދުރުފަހު 14:00އަށް ކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން އެރަށުގެ ޕާކުތަކާއި، ފިނިމައިޒާންތަކާއި، ސްވިމިން ޓްރެކާއި ކުޅިވަރު ކުޅޭ ތަންތަން ވަގުތީގޮތުން ބަންދުކޮށްފައި ބޭއްވުމަށްވެސް ކައުންސިލުންވަނީ ނިއްމާފައެވެ. ހޮޓާ، މީގެ އިތުރުން ރެސްޓޯރެންޓު، ކެފޭފަދަ ތަންތަނަށް ވަނުމުގެކުރިން އަތްދޮވުމަށް ސަމާލުކަން ދިނުމާއި އެފަދަ ތަންތަން ހިންގާ ފަރާތްތަކުން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއިއެކު އަތް ދޮންނާނެ ގޮތުގެ އިރުޝާދު ފެންނާނެހެން ހަރުކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ކައުންސިލުންވަނީ އަންގާފައެވެ.

އެޗްޕީއޭއިން، ދިއްދޫ މޮނިޓަރިންގ ހާލަތަށް ގެނައީ ހުސްވި އޭޕްރިލްމަހުގެ 25ވަނަ ދުވަހުއެވެ. އަދި މި މެއި މަހުގެ 2ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގ ހާލަތުން ނަގައިފައެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިއްދޫ ކައުންސިލުން ވަނީ މިހާތަނަށް ދަމަހައްޓާފައިއެވެ.

ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ލަފާގެ މަތީން އެރަށު ކައުންސިލުން އެ ރަށުގެ ފުރަބަންދުގެ މުއްދަތު އެންމެ ފަހުން އިތުރު ކުރީ 25 މެއި 2020ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ. އެކައުންސިލުން ވަނީ އެރަށުގެ ފުރަބަންދުގެ މުއްދަތު ހަތަރު ފަހަރެއް މަތިން އިތުރުކޮށްފައެވެ.