ޚަބަރު

މިފަހަރުގެ ޢީދު - ކޮންމެ ގެއަކަށް ވަކިން


ބަރަކާތްތެރި ފިޠުރު ޢީދަކީ އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ޒަމާނުއްސުރެއް ރާއްޖޭގައި އަންނަނީ ތަފާތު އެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެކި ކަހަލަ ސަޤާފީ ހަރަކާތްތަކާއި ކުޅިވަރުތައް ބޭއްވުމާއި، ޢީދު ޝޯވތައް ބޭއްވުން މިއީ އަބަދުހެން ރާއްޖޭގައި ކޮށްއުޅޭ ކަންކަމެވެ.

ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފިޠުރު ޢީދު މުޅި އިސްލާމީ އުއްމަތާއި ބައްދަލުކުރީ ހިތްދަތިކަމާއި މޮޅިވެރިކަމާއެކުގައެވެ. އާޢިލީ ބޮޑު ޢީދެއްގެގޮތުގައި ދިވެހިންވެސް ފާހަގަކުރާ މިދުވަސް މިއަހަރު ފާހަގަކުރަންޖެހިފައިވަނީ ފުރަބަންދުގައި ތިބެގެންނެވެ. ޢާއިލާއާއި ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި ބައްދަލު ނުކުރެވި، އަމިއްލަ ގޭގައި ތިބެގެންނެވެ.

ކޯވިޑް-19ގެ ސަބަބުން ޢީދުގެ ފޯރިވެސް ފަޑުވެފައިވާ މި ޙާލަތުގައި ރާއްޖޭގެ ބައެއް ފަންނާނުންގެ ފަރާތުން މިވަނީ ހަދިޔާއެއް ދިވެހިންނަށް ދޫކޮށްލާފައެވެ. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންނާއި، އަރަމުން އަންނަ ޒުވާން ތަރިންވެސް ހިމެނޭހެން "ޢީދު ގެއަށް" މި ނަމުގައި ޚާއްސަ ލަވައެއް ވަނީ އާއްމުކޮށްފައެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތާއި ފިޠުރު ޢީދާއި ގުޅުވާލައިގެން ހަދާފައިވާ މި ލަވައިގެ ޅެން ތައްޔާރުކޮށްދީފައިވަނީ މަޝްހޫރު ޅެންވެރިޔާ ޢާދަމް ނަޞީރު އިބްރާހީމެވެ. ލަވައިގެ މިއުޒިކް ކޮމްޕޯސްޑްކޮށްފައިވަނީ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)އެވެ.

ލަވަކިޔާފައިވަނީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)، އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މީރާ މުޙައްމަދު މާޖިދު، މަރިޔަމް އަޝްފާ، ޔާމީން ރަޝީދު، ހައްވާ އަޝްރާ، ޝަލަބީ އިބްރާހީމް، އިބްރާހީމް ޝާފިޢު (ފުބޫ)، ސަމާހާ މޫސާ ދީދީ (ސަމާ)، ޢަބްދުﷲ ނާޝިފް (ތާތި)، ޖޫނީ ޖިނާޙް އަދި އާމިނަތު އައިނީ ރިލްވާނެވެ.

މި 12 ފަންނާނުންވެސް ލަވަ ކިޔާފައިވަނީ އަމިއްލަ ގޭގައި ފުރަބަންދުގައި ތިބެއެވެ. ލަވައިގެ ކޮންސެޕްޓާއި އެޑިޓިންގގެ މަސައްކަތްކޮށްފައިވަނީ ޕީ.އެސް.އެމްގެ މުވައްޒަފެއް ކަމަށްވާ އަޙްމަދު މުޙައްމަދު (ފޮޓޯ އަންމައްޑޭ)އެވެ. އަދި ސްޕެޝަލް އިފެކްޓްސް ހަދާދީފައިވަނީ ޙުސެއިން އިމްތިޔާޒެވެ. ލަވައިގެ މިއުޒިކާއި ލަވަ ހެދުމުގައި ތޭރަވާއާއި ކުޑައިއްބެ ވަނީ މުހިންމު ރޯލެއް އަދާކޮށްދީފައެވެ.

ޢީދާ ދިމާކޮށް އެންމެ ޑިމާންޑް ބޮޑުވާ އެއްބަޔަކީ މިއުޒިކް ފަންނާނުންނާއި، ފިލްމީ ތަރިންނޭ ބުނުމުން މުޅިއަކުން ދޮގަކަށްނުވާނެއެވެ. އެހެންނަމަވެސް މިފަހަރުގެ ޢީދު މި ބައްދަލުކުރީ ތަފާތު ޙާލަތަކާއެކުއެވެ. ހަމަގައިމުވެސް ފަންނާނުންގެ ހިތްގައިމު ހުށަހެޅުންތަކާއި ފަރި ހަރަކާތްތަކުގެ މަތިން ހަނދާންވާނެ އެތައް ބަޔަކު ތިބޭނެކަން ޔަޤީނެވެ. ފަންނާނުންވެސް އެމީހުންގެ ސަޕޯޓަރުންނާއި މިވަގުތު ގުޅުންބަދަހިކުރެވެން އޮތްގޮތަކީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިންނެވެ.