ޚަބަރު

ފަންސާސް އިންސައްތަ މީހުންގެ ޕެންޝަން އެކައުންޓުގައި ފައިސާހުރީ އެއްލައްކައަށްވުރެ ދަށުގައި


ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،000 މީހުންގެ ތެރެއިން %50 މީހުންގެ އެކައުންޓުގައި ހުރީ އެއްލައްކައަށްވުރެ މަދު ޢަދަދެއްގެ ފައިސާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމެޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް ވިދާޅުވީ، ޕެންޝަން ފަންޑު އުފެދުނީއްސުރެ އެ ފަންޑުން އިންވެސްޓްކުރަމުން އަންނަކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އިންވެސްޓްކޮށްގެން ލިބިފައިހުރީ 3.9 ބިލިއަން ރުފިޔާކަަމަށެވެ.

ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑުގެ ފައިސާގެ ޢަދަދު އިތުރުވާ މިންވަރަކުން އިންވެސްޓްމަންޓް ފައިސާގެ ޢަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން ހިއްސާގެ ބާޒާރުގައިވެސް އިންވެސްޓްކުރަމުންދާކަމަށާއި، ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނަ ހުރިހާ ފުރުޞަތެއް ބޭނުންކޮށް އިންވެސްޓްކުރަމުންދާކަމަށް ސުޖާތާ ވިދާޅުވިއެވެ.

"މިކަހަލަ ފަންޑަކުން ފުދޭވަރަކަށް ރަނގަޅު އިންޓަރެސްޓެއް މިއީ. އަޅުގަނޑުމެންނަށް އިންވެސްޓްމަންޓް ފައިދާ އެންމެ ކުޑަވެގެން %5 ގައި މެއިންޓެއިން ކުރެވިފައި އެބަހުރި. އަދި މިއަށްވުރެ އިތުރަށްވެސް ލިބިފައިއެބަހުރި" ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައި މިހާތަނަށް ބައިވެރިވެފައިވަނީ 154،385 މީހުންނެވެ. ވަކިވަކި ފަރުދުންގެ ޕެންޝަން އެކައުންޓްތަކަށް ފައިސާ ވަދެފައިވާގޮތުގެ ތަފްސީލް ދެއްވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،385 މީގެ ތެރެއިން %19 މީހުންގެ އެކައުންޓްގައި ފައިސާ ހުރީ 10،000 ރުފިޔާއިން ދަށުގައިކަމަށެވެ. ރަނގަޅު ޢަދަދެއްގެ ފައިސާ ހުރީ ވަރަށް މަދު ބައެއްގެ އެކައުންޓްގައިކަމަށާއި، %50 މީހުންގެ ފަންޑުގައި ފައިސާހުރީ 1 ލައްކަ ރުފިޔާއާއަށްވުރެ ދަށުގައިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީގެ %50 އިންސައްތަ މީހުންނަކީ 45 އަހަރުން ދަށުގެ މީހުންކަމަށާއި، އެމީހުންނަށް ރަނގަޅު ޢަދަދެއްގެ ރިޓަޔަރމަންޓް ފައިސާ ހޯދުމުގެ ފުރުޞަތު އެބައޮތްކަަމަށް ސުޖާތާ ވިދާޅުވިއެވެ.

"ޕެންޝަން ނިޒާމް އެކުލަވާލެވިފައިމިވަނީ %7 އަކީ ހަމަ އެބޭފުޅޭއްގެ އިންކަމް ރިޕްލޭސްކުރެވޭނެވަރު. މީގެ އެހެން ކަންތައް ކުރަން ވިސްނައިފިނަމަ ރަނގަޅު ޕެންޝަން އާމދަނީއެއް ނުލިބޭނެ. ނަމަވެސް އިތުރު ކޮންޓްރިބިއުޝަނެއް ލައިގެން އެހެންކަންތައްތަކަށް ސޭވްކުރުމަކީ ހަމަ ކުރެވިދާބެކަމެއް. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް. ޕެންޝަނަށް ކޮންޓްރިބިއުޝަނުން ފައިސާ ނެގުމަކީ އެހާ ރަނގަޅުކަމެއް ނޫން." ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ކުރިއަށް ރާވާފައިވާ މުހިންމު ކަންކަމުގެ ތަފްސީލް ހިއްސާކުރައްވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާ ވޯލްޑް ބެންކުގެ ފަންނީ އެހީއާއެކު މިހާރު ކުރެވެމުންދާކަަމަށާއި، މި މަސައްކަތް ނިމުމުން ޕެންޝަން ފަންޑުން އިތުރަށް އިންވެސްޓްކުރެވޭނެކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ބައިވެރިން ޑިސެބިލިޓީ އިންޝިއުރެންސް ސްކީމެއް އިންޝުއަރ ކުރުން މި ސްކީމްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް ދިމާވާ ނުކުޅެދުންތެރިކަމުގެ ހާލަތުގައި މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ސުޖާތާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ފާޠިމަތު ސުޖާތާ ވިދާޅުވިއެވެ.