ޚަބަރު

ކޯވިޑް-19 : ވަޒީފާގެއްލި، އިނާޔަތްނުލިބޭ މީހުންގެ ތެރެއިން 69 މީހަކަށް އިނާޔަތް ދީފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ މީހުންނާއި އިނާޔަތްތައް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން 69 މީހަކަށް 290،000 އަށްވުރެ ގިނަ ރުފިޔާ ދީފައިވަކަމުގައި ފިނޭންސްޓަރ އިބްރަހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ވަޒީފާ ގެއްލި، އިނާޔަތް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާ މީހުންގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު 69 މީހަކަށް 290،131 ރުފިޔާ ދޫކޮށްފަައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަޒީފާގެ ގެއްލުންތައް ކުރިމަތިވި މީހުންގެ އިތުރުންވެސް ބޭންކުތައް މެދުވެރިކޮށް ލޯންއެހީތެރިކަން ފޯރުކޮށް ދެއްވަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ވަޒީފާ ގެއްލި އިނާޔަތް ކުޑަކުރި މީހުންގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެން ވާނީ 69 މީހަކަށް 690،131 ރުފިޔާގެ ފައިސާ ދޫކޮށްފަ. އެދިފައިވާ އެހެން މީހުންގެ ތެރެއިން ފޯމްތައް ސައްޚަ ކުރުމަށްފަހު އިތުރު މީހުންނަށްވެސް ފައިސާ ދޫކުރެވެމުންދާނެ" ފިނޭންސްޓަރ އިބްރާހިމް އަމީރު ވިދާޅުވި.

މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ހޭދަތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދުމަށް ކުރައްވަމުންދާ ހޭދަތަކެއްކަމަށެވެ. މި ޙާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި މިކަމުން އަރައިގަތުމަށް ބޭރުގެ އެކި ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.