ފުރަތަމަ ފަހަރަށް ބާއްވާ ރިސޯޓު ވޮލީ ވިމެންސް ލީގު 2025 ފަށައިފިއެވެ.
ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ ރިސޯޓް ވޮލީ ލީގަށް އަންހެނުންގެ މުބާރާތް ތައާރަފްކޮށްފެށި މި މުބާރާތުގެ ފުރަތަމަ އެޑިޝަން ކުރިޔަށްދާނީ ރާ އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ޖޯލި މޯލްޑިވްސް ރިސޯޓުގައެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ޖޯލި މޯލްޑިވްސް އާއި ޖޯލި ބީއިން ރިސޯޓެވެ.
މި މެޗު ކާމިޔާބުކުރީ 3-1 ސެޓުން ޖޯލި މޯލްޑިވްސްއިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-23 ން ޖޯލި ބީއިން ރިސޯޓުންނެވެ. ދެވަނަ ސެޓް 25-17 އިން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްއިންނެެވ. ތިންވަނަ ސެޓް 25-13 އިން އަދި ހަތަރުވަނަ ސެޓު 25-18 ން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްގެ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ފާތިމަތު ޖޫޒާން ޒަރީރެވެ.
މި ދެ ރިސޯޓުގެ މެދުގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ޗެމްޕިއަންކަން ލިބޭނީ 2 މެޗުން މޮޅުވާ ޓީމަކަށެވެ.
ރިސޯޓް ވޮލީ ލީގުން ބުނީ މިއީ އަޖުމަ ބަލާލުމުގެ ގޮތުން ތައާރަފުކުރި މުބާރާތެއް ކަމަށާއި ކުރިޔަށް އޮތްތަނުގައި އިތުރު ރިސޯޓުތަކުން ތަރުހީބު ލިބޭ މިންވަރަށް ބެލުމަށްފަހު އިތުރު ޒޯނުތަކަށްވެސް އަންހެން ޑިވިޝަން ތައާރަފު ކުރާނެ ކަމަށެވެ.