މާލެ ސިޓީގެ ފުރަބަންދު އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭ ސިޓީ ފުރަބަންދުކޮށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތީ، މާލޭ ސިޓީގެ ފުރަބަންދު އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ފަރާތްތަކުން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓު www.malecity.gov.mv މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
ސިޓީ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ދޫކުރާ އުފަންދުވަހުގެ ސެޓްފިކެޓަކީ ވަގުތީ ލިއުމެއްކަމަށާ، އެ ސެޓްފިކެޓް ބޭނުންކުރެވޭނީ މާލޭ ސިޓީގެ ފުރަބަންދުގެ ހާލަތު އުވާލަންދެން ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި ފުރަބަންދަށްފަހު އޮފީސްތައް ހުޅުވާލުމުން ދާއިމީ ސެޓުފިކެޓު ހެއްދުމަށްޓަކައި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓުފިކެޓު ކައުންސިލަށް ހުށަހެޅުމުން އެ ލިއުން ލިބޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވުމުން އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގައި ބޮޑެތި ދަތިތަކެއް ގިނަ މީހުންނަށް ވަނީ ކުރިމަތިވެފައެވެ.