ވިޔަފާރި

ފޭސް މާސްކު އެތެރެކުރި މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


ރާއްޖެއަށް ފޭސް މާސްކު އެތެރެކޮށްފައިވާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދައްކައިދޭ ތަފާސް ހިސާބުތަކުގައިވާގޮތުން ރާއްޖެއަށް ވަނީ 4.9 މިލިއަން ފޭސް މާސްކް އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 1179 އިންސައްތަ އިތުރު އަދަދެކެވެ. އަދި އަގުގެ ގޮތުން ބަލާނަމަ މިއީ 17 މިލިއަން ރުފިޔާގެ ފޭސް މާސްކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 6 ލައްކަ ރުފިޔާގެ ފޭސް މާސްކެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކާއި ސެނިޓައިޒާގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިންގ ކަނޑާލާފައިވަނީ މަރޗުމަހުގެ ތެރޭގައެވެ.

ފޭސްމާސްކުގެ އިތުރުން ބޭހުގެ ބާވަތްތައްވެސް ވަނީ %14 އިތުރުވެފައެވެ. ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން ސާމާނުތައް އެތެރެކޮށްފައިވާ މިންވަރު %522 އިތުރުވެފައިވާއިރު އަގުގެ ގޮތުން ބަލާނަމަ ރާއްޖެއަށް ވަނީ 138 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓްސް އެތެރެކޮށްފައެވެ.

ހުސްވި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 22 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓެވެ. ކޯވިޑް-19 އާއި ގުޅިގެން ސައިބޯނި އާއި ޑިސްއިންފެކްޓެންޓު އެތެރެކޮށްފައިވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެ މުއްދަތުގައި މިތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރުވަނީ %211 އިތުރުވެފައެވެ. މިތަކެތިންވެސް ސަރުކާރުން ވަނީ ޑިއުޓީ މާފްކޮށްދެއްވާފައެވެ.