ޚަބަރު

ހުރިހާ ތަރިންގެ ގޭގައި ތިބެ އުފެއްދި ކުރު ފިލްމު ބަލާލައިފިންތަ


ފުރަބަންގުގައި ތިބެ ދިވެހި ފިލްމީ ފަންނާނު ކުރު ފިލްމެއް އާއްމުންނާއި ހަމައަށް ދޫކޮށްލާ އެތައް މެސެޖްތަކެއް ދީފިއެވެ.

"ކުޑަކުޑަ ބާރު"ގެ ނަމުގައި އުފެއްދި މި ފިލްމު މިހާރުވަނީ ޔޫޓިއުބްއަށް ދޫކޮށްލާފައެވެ. ގާތްގަޑަކަށް ދިހަވަރަކަށް މިނެޓް މި ކުރި ފިލްމުގައި ރާއްޖޭގެ ފިލްމީ ދުނިޔޭގައި މަސައްކަތް ކުރި އަދި ކުރަމުން އަންނަ އެތައް ތަރިންނެއްވަނީ ފެނިގެން ގޮސްފައެވެ. އަހުމަދު އަޒްމީލް (އަޒޭ) އިސްވެ ހުރެ އުފެއްދި މި ފިލްމުގައި މި ދަނޑިވަޅުގައި ސަމާލުކަންދޭންޖެހޭކަންކަމާއި ހޭލުންތެރިކަމުގެ ގިނަ މެސެޖްތަކެއް ވަނީ ދީފައެވެ.

މި ކުރު ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރި ރީކޯ މޫޫސައާއި އާރިފާ އިބްރާހިމާއި އައިމިނަތު ރަޝީދާއި މޮޅެތި އެކި ރޯލުތަކުން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި މަރިޔަމް އަފީފާވެސް ހިމެނެއެވެ. މީގެއިތުރުން މަރިޔަމް ރިޝްމީ، އަހުމަދު އަޒްމީލްގެ ދަރިފުޅު އިސްމާއިލް އަޒިއަލް އަޒަމީލްވެސް މިހުއްމު ރޯލަކުން ފެނިގެން ދެއެވެ.

މި ފިލްމުން ދެން ފިގެންދާ ތަރިންގެ ތެރޭގައި ނިއުމާ މުހައްމަދު، އިސްމާއިލް ޖުމައިހް، ރަވީ ފާރޫޤް، އަހުމަދު ސައީދު، ފާތިމަތު އަޒީޝާ އަދި އަރަމުންދާ ތަރި ޝެރާ އާދަމްވެސް ހިމެނެއެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެ އެޑިޓްކޮށްފައިވަނީވެސް ފިލްމްގެ މޭސްތިރިޔާ އަހުމަދު އަޒްމީލެވެ. ފިލްމުގެ އެހެން މަސައްކަތްތަކަށް ބަލާއިރު، ފިލްމުގެ ފައިނަލް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ ހުނަރުވެރި ވާހަކަ ލިޔުންތެރިޔާ އަޙްމަދު އިގުބާލް (އައިކިޔު) އެވެ. ބެކްމިއުޒިކް ހެދީ ފަތުހުﷲ ޝަކީލެވެ.

މި ފިލްމް އެތައް ގޮތަކުން ޚާއްސަވެގެން ދެއެވެ. އެގޮތުން ފިލްމު ކުޅުން ހުއްޓާލާފައިވާ ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެން ދިއުމަކީ ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއް އުފާކަން ގެނުވި ކަމެކެވެ. އެގޮތުން ދިވެހި ފިލްމް އިންޑަސްޓްރީގެ ގިނަ ފިލްމުތަކާއި ލަވަތައް އެކުގައި ކުޅެ މިހާރު މިހާރު ފިލްމު ކުޅުން ހުއްޓާލާފައިވާ ނިއުމާ މުހައްމަދާއި، ރީކޯ މޫސާމަނިކު އެއްކޮށް ފެނިލުމަށް އެދޭ ފަރާތަކަށް މި ފިލްމް ރަނގަޅުވާނެކަމަށް ފެނެއެވެ.

ތިޔަ ބޭފުޅުންވެސް ތިރީގައި މިވާ ލިންކަށް ވަޑައިގެން މި ފިލްމަށް އިންސާފުކޮށްލުން ރަނގަޅުވާނެއެވެ.

ކުރު ފިލްމް "ކުޑަކުޑަ ބާރު"

ދިވެހި ފިލްމީތަރިން ގުޅިގެން ލޮކްޑައުންގައި މި އުފެއްދި ކުރި ފިލްމާއި އެކު މީގެ ކުޑަދުވަސްކޮޅެއްކުރިން 23 ތަރިން ހަރަކާތްތެރިވާ ވީޑިއޯ ލަވައެއްވެސް ވަނީ ނެރެފައެވެ. ”އެންމެން އެކީ“ މިނަމުގައި ނެރުނު ލަވައަކީވެސް ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) ގެ އިސްނެގުމުގެ މަތުން އުފެއްދި ލަވައެކެވެ.

23 ފަންނާނުން ފެނިގެންދާ ”އެންމެން އެކީ“ ލަވަ

މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް ބައްޔާއި ގުޅިގެން ހިރިހާ ފިލްމް އިންޑަސްޓްރީތައް ހުއްޓުމަކަށް އައިސް ގިނަ ގެއްލުންތަކެއް ފިލްމީ ފަންނާނުންނަށް އަންނަނީ ލިބެމުންނެވެ. ބޮލީވުޑްގައި ޝޫޓިން ނިމިފައިވާ ފިލްމްތައް ސިނަމާތަކަށް ރިލީޒް ނުކުރެވުމުން ގިނަ ފިލްމްތައް އަންނަނީ ޑިޖިޓަލްކޮށް ޕްލެޓް ފޯމްތަކުގައި ރިލީޒްކުރަމުންނެވެ.