ޚަބަރު

ކޯވިޑް-19 : އިއްޔެ އެކަނިވެސް 571 މީހަކު އަނބުރާ ޤައުމަށް ފުރުވާލައިފި


ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން އިއްޔެ އެކަނިވެސް، 571 މީހަކު އަނބުރާ ޤައުމަށް ފުރުވާލައިފިއެވެ. މިމީހުން ފޮނުވާލާފައިވަނީ، ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓްތަކާއި އެއަރ އިންޑިއާގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި ތާށިވެފައި ތިބި ރައްޔިތުންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވާލުމުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެ ބަންގްލަދޭޝް، ޗައިނާ އަދި އިންޑިއާގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގައިތިބި ބައެއްމީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ.

ރާއްޖޭގައި ވޯކް ޕާމިޓަކާނުލައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ 352 ރައްޔިތުން އިއްޔެވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ފޮނުވާލާފައެވެ. މިއާއެކު ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިހާތަނަށްއައިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 840 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގައި ލަންކާ މަގުން ޗައިނާއަށް ދިއުމައްޓަކައި 2 ފްލައިޓެއްގައި ވަނީ ޗައިނާގެ ރައްޔިތުންތަކެއްވެސް ފުރުވާލާފައެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި ޗައިނާގެ 46 ރައްޔިތުން ފުރުވާލާފައިވާއިރު، އިތުރު 21 މީހުންވަނީ ދެވަނަ ފްލައިޓްގައި ފުރުވާލާފައެވެ.

މީގެ އިތުރުން އިންޑިއާއިން އެ ޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވުމަށް ކުރިއަށްގެންދާ "ވަންދޭ ބާރަތް މިޝަން"ގެ ދަށުން އިއްޔެ ވަނީ އިންޑިއާގެ 152 ރައްޔިތަކު އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. އެއަރ އިންޑިއާގެ ފްލައިޓެއްގައި މިމީހުން ދަތުރުކުރާނީ ބެންގަލޫރަށެވެ. މާލެއިން ބެންގަލޫރަށް ދަތުުރުކުރާ ފްލައިޓްގައި ދަތުރުކުރާނީ، ކަރްނާޓަކާ، ޓެލެނަގާ އަދި އަންދްރަ ޕްރަދޭޝްގެ ރައްޔިތުންކަމަށް މީގެ ކުރިން އިންޑިއާ ހައި ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މި ރައްޔިތުން ފުރުވާލުމަށް އިންޑިއާގެ ހައި ކޮމިޝަން ސަންޖޭ ސުދީރް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރެއްވި ޓުވީޓް

މީގެ ކުރިންވެސް ރާއްޖޭގައި ތާސިވެފައިތިބި ގިނަ ޢަދަދެއްގެ އިންޑިއާ ރައްޔިތުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. އެގޮތުން އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި މިހާތަނަށް އައިރު 1500 ވަރަކަށް މީހުން މިވަނީ ފޮނުވާލާފައެވެ. އިންޑިއާ ސަރުކާރުން ވައިގެ މަގުންވެސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި މާލެއިން ދިއްލީ، މުމްބައި އަދި ޗެންނައިއަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާނެކަމަށް އިންޑިއާ ހައި ކޮމިޝަނުން ހާމަކުރައްވައެވެ.