ކޯވިޑް-19އާ ގުޅިގެން މިވަގުތު މޮނީޓަރިންގައިވާ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުސަތު ދެވޭނީ އެރަށެއް މޮނީޓަރިންގެ ޙާލަތުން ނަގާތާ 28 ދުވަސް ފަހުންކަމަށް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިޙާލަތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވޭނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން މިހާރު ހަދާފައިވާކަމަށެވެ. އެގޮތުން ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުމުގެ ޙާލަތެއް ނެތް ރަށްރަށުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުމުގެ ޙާލަތެއް އޮތްކަމަށް ބަލަނީ އެރަށެއްގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން މޮނިޓަރިންއަށް ލުމުންނާއި، އެރަށެއްގައި މީހަކު ކަރަންޓީންކޮށްފައިވާ ހާލަތްތަކުގައެވެ.
މަބްރޫކް ވިދާޅުވިގޮތުގައި މިދެހާލަތުގައިވެސް އެރަށެއް އޮތްނަމަ ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލާނީ އެރަށެއް މޮނިޓަރިން އިން ނަގަތާ 28 ދުވަހަށް ފަހުއެވެ. ނުވަތަ އެރަށުގައި މީހަކު ކަރަންޓީން ކޮށްފައިވާނަމަ އެމީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވާތާ 28 ދުވަހަށް ފަހުއެވެ. މިއީ މިވަގުތު ރާއްޖޭގެ ހަލަތަށް ބަލައި ޑޮކްޓަރުންނާއި ކަމާއިބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށް ބަލައި އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އުސޫލުކަމަށް މަބްރޫކް ވިދާޅުވިއެވެ.
މޮނީޓަރިންގައި ނުވަތަ ފުރަބަންދިގައި ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެވަނީ ދެއްވާފައެވެ. އެއާއެކު މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރަންވަނީ ފަށާފައެވެ.
ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައިވާއިރު، މިސްކިތަށް ނަމާދަށްދާ މީހުންވެސް ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީންވަނީ އަންގަވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ދަށުން ގިނަ މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގަވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28ވަނަ ދުވަހުގެ އަޞްރު ނަމާދަށްފަހުގައެވެ.