ޚަބަރު

ކޯވިޑް-19 : މަނަދޫން ނެގި 86 ސާމްޕަލްވެސް ނެގެޓިވް


ނ.މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންނާ ގުޅުންހުރި މީހުންގެ ތެރެއިން ނެގި 86 ސާމްޕަލްވެސް ކޯވިޑް-19އަށް ނެގެޓިވްވެފައި ވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވީ މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި 81 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިފައިވަކަމަށެވެ. މޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި މީހުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެކްޓިވް ސަވައިލެންސްގެ ގޮތުގައި ފާހަގަކުރެވުނު 30 ސާމްޕަލަކާއި، ރީސާމްޕަލްގެ ގޮތުގައި އަލުންނެގި 1 ސާމްޕަލާއި، ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގި ސާމްޕަލެއް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނ.މަނަދޫން އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ބަލިން ފަސޭހަވިނަމަވެސް މިމީހަވަނީ ބަލިން ރަނގަޅުވީފަހުން މިމަހުގެ 21ވަނަ ދުވަހު ނިޔާވެފައެވެ. މަނަދޫން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މަނަދޫން އިތުރު ކޭސްތަކެއް ޕޮޒިޓިވްވެފައިވާއިރު އެރަށްވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މަނަދޫން ޕޮޒިޓިވްވި މީހުން ކަރަންޓީނުކޮށްފައިވަނީ އިރުފުށި ކަރަންޓީން ފެސިލިޓީގައެވެ.