ޚަބަރު

ކޯވިޑް-19 : ދޭ ލުޔާއެކު ފަރުވާކުޑަކުރެވިއްޖެނަމަ އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެ


ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ބަލިމަޑުކަން މިވަނީ ދިވެހި ރައްޔިތުންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާފައެވެ. ކޮންމެއަކަސް ޒަރޫރީ ބޭނުންތަކާއި، ދިރިއުޅުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓި ރައްޔިތުންނަށް ދިމާވި ދަތިތަކާއެކުވެސް ފެނިގެންދިޔައީ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމަ އިޖާބައެއް ދިންތަނެވެ. މާލެ ސަރަހައްދުން ބަލި ފެނުމާއިއެކު އެޅި ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުން ދެއްވި ފުރިހަމަ އިޖާބައާއި ޞިއްޙީ ބޭފުޅުންގެ އިރުޝާދާއިއެކު ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން މިވަނީ ނިންމާފައެވެ.

މާލެ ސަރަހައްދު 5 ފަހަރެއްގެ މަތިން ފުރަބަންދު ކޮށްފައިވާއިރު، މިހާރު ކޮށްފައިވާ ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެއަށްފަހު ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިދެވޭ ލުއިތަކަކީ އެއްވެސް ހާލެއްގައި ރާއްޖޭގައި ވައިރަހުގެ ބިރުވެރިކަން ކުޑަވެ، ރާއްޖެއިން ބަލި އެއްކޮށް ފިލައިގެން ދިޔުންކަމަށް ބަލައިގެން ދެވޭ ލުއިތަކެއްނޫނެވެ.

ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަރުކަށި ގިނަ ފިޔަވަޅުތަކެއް ދުރާލައި ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ގެއިން ބޭރަށް ނިކުތުން މަނާކުރުމާއި، މީހުން އެއްވާތަންތަނަށް އެއްނުވެވޭނެހެން އެތަންތަނުގެ ޚިދުމަތް މެދުކަނޑާލުމާއި، އާމްދަނީ ހޯދުމަށް ކުރަންދިޔަ މަސައްކަތްތަކަށް ދަތިވާގޮތަށްވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިހުރިހާ ފިޔަވަޅުތަކެއްވެސް އަޅާފައިވަނީ އާންމު ރައްޔިތުންގެ ޞިއްޚީ ސަލާމާތައި ރައްކާތެރިކަމަށްޓަކައި ވިސްނައި ޞިއްޚީ ބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.

ރާއްޖެއިން ބަލި ފެނުނު ފަހުން މިއަދާއިހަމަޔަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ވެރިރަށް މާލޭގައެވެ. މާލެއަކީ ބިންކޮޅު ކުޑަނަމަވެސް ބޮޑު އާބާދީއެއް އުޅޭ ތަނަކަށްވާއިރު، މިބަލި މާލޭގައި ފެތުރެންފެށުމާއެކު ކޮންޓްރޯލް ކުރުމަށްވެސް ދަތިތަކެއް ދިމާވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން އުޅެމުންދިޔަކަމީ ކަމާއިބެހޭ ފަރާތްތަކަށް ބަލި ކޮންޓްރޯކުުރަމަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމެވެ. މާލޭގައި މިގޮތަށް ތޮއްޖެހިގެން މީހުން އުޅޭތަންތަން ފާހަނގަކޮށް ސަރުކާރުން ވަނީ ފެސިލިޓީތަކެއް ހަދައި އެތަންތަނަށް އެމީހުން ބަދަލުކޮށްފައެވެ. އަދި ތޮއްޖެހިގެން މީހުން ދިރިއުޅެމުންދިޔަ ތަންތަން މޮނިޓަރިންއަށްލައި އެތަންތަނުން ސާމްޕަލްތައް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ކޮށްފައެވެ.

ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ނިންމުމާއިއެކު ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. އަދި އަމިއްލަ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އިތުރުކުރަންޖެހިފައެވެ. ބޭރަށް ނިކުތުމުގައިވެސް އަދި ޒަރޫރީ ބޭނުންތަކަށް ނިކުންނަ ނިކުތުމުގައިވެސް މީގެ ކުރީގައި އުޅުނުގޮތަށް އުޅުމުގެ ފުރުސަތު ނެތްކަން ދެކި އާންމު ހާލަތަކަށް ބަދަލުވަންދެން އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ. ދިމާވާ މީހުންނަކީ ކޮބައިކަން އެގި ބައްދަލުވާ މީހުންގެ އަދަދު މަދުކުރަންޖެހެއެވެ. ފިނިބުރު ޖެހުމާއި، ބޭކާރުވަގުތުތަކުގައި މަގުމައްޗަށް ނުނިކުތުމަށްވެސް އިސްކަންދޭންޖެހެއެވެ.

ދިރިއުޅުމަށް ގެންނަންޖެހޭ މިފަދަ ބޮޑެތި ބަދަލުތައް ފަރުދީގޮތުން ނުގެނެވިއްޖެނަމަ ރާއްޖޭގެ ހާލަތު ނާޒުކު ހާލަތަކަށް އަނެއްކާވެސް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ވިދާޅުވެއެވެ. ދެވޭ ލުއިތައް އިތުރަށް ހަރުކަށިވެ، މިހާރު މިހޭދަކުރި މުއްދަތަށްވުރެ ދިގު މުއްދަތަކަށް ފުރަބަންދަކަށް ދިއުމުގެ ފުރުސަތުވެސް ބޮޑެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް މިގޮތަށް ދެވުނު ލުއިތަކުގައި ދޭންޖެހޭ ވަރަށް ސަމާލުކަންދުނީ ފަރުދީ ޒިންމާ އެންމެ އެކަށޭނެ ގޮތަކަށް އަދާނުކުރުމުން އެޤައުމުތަކުގައިވެސް ލުއިތައް ހަނިކޮށް ހަރުކަށި ބޮޑެތި ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.

ރައްޔިތުން މިއަދު ޤަބޫލު ކުރަންޖެހޭ ހަގީގަތަކީ ޞިއްޚީ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވާހެން ރާއްޖޭގައި ވައިރަހުގެ ނުރައްކާ ކުޑަނޫންކަމެވެ. އާންމު ދިރިއުޅުމުގައި ކުރިން އުޅުނުގޮތަށް އުޅުމުގެ ފުރުސަތު އަދި ތަނަވަސް ވެފައިނެތްކަމެވެ. ކޮންމެ މީހެއްގެވެސް ފަރުޒީ ޒިންމާއަކަށްވާންވީ ވައިރަސް އުފުލާމީހަކަށް ތިމާނުވުމަށެވެ. އަދި ތިމާގެ ސަބަބުން މުޖުތަމައު ނުރައްކަލަށް ވެއްޓޭފަދަ ކަމެއް ކުރާ މީހަކަށް ތިމާ ނުވުމަށެވެ.