ތިމާވެށި

އަހަރުމެންގެ ކުރިމަގު ބިނާކުރެވޭނީ ގުދުރަތީ މުއްސަނދިކަމާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކޮށްގެން


ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ސީދާގޮތުންނާއި، ނުސީދާގޮތުންވެސް އިންސާނުންނަށް ކުރާއިރު، ތިމާވެށީގެ ތަފާތު މައްސަލަތައް ފެށިގެން އަންނަނީވެސް ހަމަ އިންސާނުންގެ ކިބައިންނެވެ.

ނޭނގިނަމަވެސް ނުވަތަ ގަސްތުގައިވިޔަސް އިންސާނުންގެ ޢަމަލުތައް ހުންނަގޮތުން "ބެލެންސް އޮފް ނޭޗަރ" ނުވަތަ ދުނިޔޭގެ ގުދުރަތީ ނިޒާމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންނެވެ. އަދި އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ދުނިޔޭގެ އެކި ބާވަތުގެ ދިރުންތަކަށެވެ.

ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކޮށް، ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރު އަޅާ، އާންމުން ޙޭލުންތެރިކުރުވުމެވެ. މިއަހަރު ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހުގެ ޝީއާރެއްގެގޮތުގައި އދ. ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމުން ކަނޑައަޅާފައިވަނީ "އަހަރުމެންގެ ޙައްލު، ގުދުރަތުގެ ތެރެއިން" މިއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހިރާއްޖެއަކީވެސް ދިރޭތެކެތީގެ ގޮތުން މުއްސަނދި ޤައުމެކެވެ. ރާއްޖޭގެ މޫދާއި ފަރުތަކާއި، ކަނޑު އަޑީގެ ދިރުންތަކާއި، މަސްމަހާމެއްސާއި ތިމާވެށްޓަކީ މުއްސަނދި އަދި އެހާމެ ނާޒުކު ތަންތަނެވެ.

ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު، ހިތްގައިމު އަދި އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ މުރަކަތަކާއި، ފަރުތަކުގެ ނިޒާމެވެ. އެގޮތުން ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތައެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ. އަދި ދުނިޔޭގައި ގުދުރަތީގޮތުން އުފެދިފައިވާ އެންމެ ބޮޑު 2 އަތޮޅުވެސް އޮތީ ރާއްޖޭގައެވެ. އެއީ ތިލަދުންމަައްޗާއި، ހުވަދު އަތޮޅެވެ.

އެއްހާހަށްވުރެ ގިނަ ވަކިވަކި ރަށްތައް ހިމެނޭހެން އުފެދިފައިވާ ރާއްޖެ ބެހިފައިވަނީ 26 އަތޮޅެއްގެ މައްޗަށެވެ. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމަށްވާއިރު، 1،100 އަށްވުރެ ގިނަ ވައްތަރުގެ މަސް ރާއްޖޭގެ ކަނޑުތަކުގައި އުޅެއެވެ. އޭގެ ތެރޭގައި ބޮޑުމަހާއި ކޯމަހުގެ 21 ވައްތަރަކާއި، ވެލާގެ 5 ވައްތަރެއް ހިމެނެއެވެ.

މުރަކައިގެ ދިރުންތަކުގެ ގޮތުގައި 180 ވައްތަރެއް ފާހަގަކުރެވިފައިވާއިރު، ފިނިހަކައާއި، އިތާއާއި، ބޯވައާއި، ބޯވަދިލަމަހުގެ އާއިލާއަށް ނިސްބަތްވާ 400 އެއްހާ ވައްތަރު ރާއްޖޭގެ ކަނޑުތަކުގައި އުޅެއެވެ. އަދި 145 ވައްތަރެއްގެ ކަކުނި އުޅޭއިރު، ޑިނގާގެ 48 ވައްތަރެއް ރާއްޖޭގައި އުޅެއެވެ.

އެއްގަމުގެ ދިރުމަށް ބަލާއިރު، 580 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގައި ހުރެއެވެ. އަދި 170 އަށް ވުރެ ދޫނި ރާއްޖޭގައި އުޅެމުންދާކަމަށް ރެކޯޑުތަކުން ދައްކައެވެ. މިއީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ކުޑަ މިންވަރެކެވެ.

ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަަގަކުރާއިރު، އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުމާއި، ރާއްޖޭގެ އިޤްތިޞާދު ގުޅިފައިވަނީ ދިރޭތަކެތީގެ ނަސްލުގެ މުއްސަނދިކަމާއެވެ. ފަތުރުވެރިކަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ ނަފާ ބިނާވެފައިވަނީ މިދެންނެވި ދިރޭތަކެތީގެ ނަސްލާއެވެ. ވީއިރު، ރާއްޖޭގެ އިޤްތިސާދުގައި ބަޔޯޑައިވަސިޓީގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެ ގޮތަކަށް، ދިރޭތަކެތީގެ ނަސްލު ޙިމާޔަތަކުރަންޖެހެއެވެ. އަދި ދިރޭތަކެތީގެ ނަސްލު ބޭނުންކުރުމުގައި ދިމާވާ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިއްމެވެ.

ދިވެހިރާއްޖެއަކީ ދިރޭތެކެތީގެ ނަސްލު ޙިމާޔަތްކުރުމަށް ބާރު އަޅާ ޤައުމަކަށް ހެދުމުގެ ގޮތުން، ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓެރެޓެޖީ އެންޑް އެކްޝަން ޕްލޭނެއް އެކުލަވާލާ، އެއަށް ދިވެހިރާއްޖެއިން އަންނަނީ އަމަލުކުރަމުންނެވެ. މިއީ ދުނިޔޭގެ ދިރޭތަކެއްޗާބެހޭ މުއާހަދާ "ކޮންވެންޝަން އޮން ބަޔޮލިޖިކަލް ޑައިވާސިޓީ" ސީބީޑީގެ ދަށުން ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް އެކުލަވާލަންޖެހޭ އެކްޝަން ޕްލޭނެކެވެ. ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މި އެކްޝަން ޕްލޭންގައި ބާރުއަޅައެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ދިރޭ ތަކެއްޗާއި މާހައުލުތަކެއްވާ ޤައުމަކަށްވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބޭނުންކުރުމާއި، އެފަދަ ތަކެއްޗަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން އަޒުމް ކަނޑައެޅުން ވަރަށްވެސް މުހިއްމެވެ. ކުރިމަގު ބިނާކުރުމަށްޓަކައި ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކުރުން މުހިންމެވެ.