ޚަބަރު

ކޯވިޑް-19 : ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ހުރިހާ ބިދޭސީންގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދީފި


އަންނަ ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވެގެން ޖޫރިމަނާވާ ހުރިހާ ބިދޭސީންގެ ޖޫރިމަނާ މާޢާފްކޮށްދީފިއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ވަނީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބިދޭސީންނަށް ޚިިދުމަތްތައް ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން 19 މާރޗް 2020ގައި ރާއްޖެއިން ދޭ ވިސާތައް އައުކޮށްދިނުން ހުއްޓާލުމުން އެކި ބޭނުންތަކުގައި ރާއްޖެއައިސް ތިބި ބިދޭސީންނަށް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

އިމިގްރޭޝަންއިން ކުރި ޓުވީޓް


ވިސާތައް އައުކޮށްދިނުން ހުއްޓާލުމާއެކު އިމިގްރޭޝަނުންވަނީ، ޓުއަރިސްޓް ވިސާ، ޑިޕެންޑެންޓް ވިސާ އަދި ވޯކް ވިސާފަދަ ހުރިހާ ވިސާތަކެއް އައު ކޮށްދިނުން ހުއްޓާލާފައެވެ. މިއާއެކު ގިނަ ބިދޭސީންގެ ވިސާގެ މުއްދަތުހަމަވެ ޖޫރިމަނާ އަރަންފެށުމުން މިކަމުގެ ކަންބޮޑުވުން ބިދޭސީން ދަނީ ފާޅުކުރަމުންނެވެ. މި މައްސަލަ ހައްލުކުރުމައްޓަކައި އިމިގްރޭޝަނުން ކުރި މަޝްވަރާތަކަށްފަހު 19 މާރޗް 2020އިން ފެށިގެން 30 ޖޫން 2020އަށް މުއްދަތު ހަމަވާ ހުރިހާ ވިސާގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދިންކަން އިމިގްރޭޝަނުން މިވަނީ ހާމަކުރައްވާފައެވެ. އަދި މި ވިސާތައް އަލުން އައުކުރެވޭނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ އޮފީސްތައް އަލުން ހުޅުވުމުންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ވިސާގެ މުއްދަތު ހަމަވެގެން ޖޫރިމަނާއަރާ ހުރިހާ ބިދޭސީންގެ ޖޫރިމަނާ މާޢާފްކޮށްދީފައިވާއިރު، ކޯވިޑް-19ގެ ޙާލަތުގެ ކުރިން ވިސާ ޖެހުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް އެ އިދާރާއިން މިހާރު ވަނީ ދޫކުރަން ފަށާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓްތައް ދޫކުރަން ފެށީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީކަމަށެވެ. އެގޮތުން ހުކުރު، ހޮނިހިރު ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު އެގާރައިން މެންދުރުފަހު އެކެއް ޖަހަންދެން ޕާސްޕޯޓްތައް ދޫކުރަމުންގެންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ބަލާ އަންނައިރު ވިސާއަށް ހުށައެޅި ރިސިޕްޓް ގެނައުމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އައުކުރާ ފަރާތްތަތަކަށް ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް އިމިގްރޭޝަނުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.