ޚަބަރު

ގަދަވަޔާއި އޮއިގެ ތެރޭގައި ސިފައިންގެ އާދަޔާއި ޚިލާފު ހިތްވަރު


ކޯވިޑް-19ގެ ނުރައްކާތެރި ޙާލަތުގައި އަމިއްލަ ފުރާނަޔަށް އަދި ކުރިމަތިވެދާނެ ޞިއްޙީ ނުރައްކަލަކަށް ބެލުމެއް ނެތި ރައްޔިތުންނާއި ޤައުމުގެ ހިމާޔަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއްބަޔަކީ ދިވެހި ސިފައިންނެވެ.

ސިފައިންގެ މި މަސައްކަތަކީ ހައިރާންވީކަމެއްވެސް ނޫނެވެ. އެހެނީ ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަމިއްލަ ފުރާނައިން ޤުރުބާންވެ މި ޤައުމު ޙިމާޔަތްކޮށްދީ ރައްޔިތުންގެ މަސްލަޙަތު އިސްކުރުމުގައި ސިފައިންނަކީ އަބަދުވެސް މިސާލު ދައްކަމުންދާ ބައެކެވެ. ވަކި ތަމްރީންތަކެއް ފުރިހަމަކޮށް ދިވެހި ޤައުމާއި ރައްޔިތުންގެ ޙިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް މާތްﷲ ގަންދީ ސިފައިން ކޮށްގެން ތިބި ހުވައަކީ ހަމައެކަނި މިކަމުގެ ސަބަބެއް ނޫނެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ ސިފައިންގެ ހިތްތަކުގައިވާ ޤައުމިއްޔަތުގެ ވަރުގަދަ ލޯތްބެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ، ކޯވިޑް-19ގެ މިޙާލަތުގައިވެސް މިފަދަ އެތައް މިސާލުތަކެއް ސިފައިންގެ ފަރާތުން ފެންނަމުންދާ ވާހަކައެވެ. ދެން މިވީޑިއޯ ބައްލަވާލައްވާށެވެ.

ވީޑިއޯއިން އެފެންނަނީ އާދަޔާ ޚިލާފަށް ގަދަ، ކަނޑުގެ އޮއިގެތެރޭގައި ޖެހެމުންދިޔަ ބާރުވަޔާ ދެކޮޅަށް ސިފައިން ކުރަމުންދިޔަ ހިތްވަރު ގަދަ މަސައްކަތެކެވެ. ޅ.ފުށިފަރުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ކޯވިޑް-19ގެ ޓެސްޓް ކިޓްތަކެއް އެރަށަށް ފޯރުކޮށްދިނުމަށްޓަކައި ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތެވެ. މީވިޑިއޯގައި ފެންނަނީ އެމްއެންޑީއެފްގެ އުތުރު ސަރަޙައްދުގެ ކޯސްޓްގާޑުގެ ސިފައިންނެވެ.

މޫސުން ތަންނުދިނުމަކަށް، ޖެހޭ ވައިގެ ގަދަކަމަކަށް އަދި ކަނޑުގެ ރާޅުގެ ނުކިޔަމަންތެރިކަމަކަށް ދީލާލާކަށް މިސިފައިން ބޭނުމެއްނުވިއެވެ. މި އުނދަގޫ ދަނޑިވަޅުގައިވެސް އެމީހުންގެ ވާޖިބު އަދާކޮށްފިއެވެ.

މިއީ ހަމައެކަނި ސިފައިންގެ ވާޖިބު އަދާކުރުމަށް ނުވަތަ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް އެމީހުން ކުރިކަމެއް ނޫންކަން މިވީޑިއޯއަށް ބަލައިލުމުން ހާމަވެއެވެ. މިއީ މިޤައުމަށްޓަކައިި މިޤައުމުގެ ދަރިން ވަމުންދާ ޤުރުބާނީގެ ކުޑަ މިސާލެކެވެ. މިފަދަ އެތައް ބަޔަކު ކޯވިޑް-19އިން މިޤައުމު ސަލާމަތްކުރުމުގައި އިސްސަފުގައި ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަތްކުރަމުންދެއެވެ. އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ މިނުރައްކަލުން އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު ސަލާމަތްކުރުމެވެ.