ޚަބަރު

ވިއްސާރަ : ނިކަގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، މިރޭ ހދ.ފިނެއަށް އައި ކޮޅިގަނޑެއްގައި ނިކަގަހެއް ވެއްޓި، އެރަށު ރައްޔިތުންގެ ގެސްޓުހައުސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

މިއީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. ގެސްޓުހައުސް މިހާރު ބޭނުން ކުރަމުން އަންނަނީ ފިނޭ ކައުންސިލުންދޭ ބައެއް ޚިދުމަތްތައް ދިނުމުގައި މަސައްކަތްކުރާ ބިދޭސީން ބޭތިއްބުމަށެވެ. މިޙާދިސާ ހިނގާފައިވަނީ ބުރާސްފަތި ވިލޭރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ.

އެގެސްޓު ހައުސްގައި ކައުންސިލްގެ ފަރާތުން މިވަގުތު ބައިތިއްބާފައި ތިބި 3 މީހުންގެތެރެއިން އެކަކު ނިކަގަސް ވެއްޓުނު ވަގުތު ގެސްޓުހައުސް ތެރޭ ހުރިނަމަވެސް އޭނާއަށް ހާނިއްކައެއް ވެފައިނުވާކަމަށް ފިނޭ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ނިކަގަސް ވެއްޓުމުގެ ސަބަބުން އެގެސްޓުހައުސްގެ މަތިވަޑާންގަނޑު މުޅިން ހަލާކުވެފައި ވާކަމަށެވެ. ރައްޔިތުންގެ އެއްބާރުލުމާއެކު މިއަދު ހެނދުނުއްސުރެ މަސައްކަތްކޮށް މިހާރު ގެސްޓް ހައުސް މައްޗަށް ވެއްޓުނު ގަހުގެ ބައިތައް ނަގާފައިވާ ކަމަށާއި، ނަމަވެސް އެއްކޮށް ސާފުކޮށް ރެއާއި ހަމައަށް އަދި ނިންމާ ނުލެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.

މިކަމުގައި ފިނޭ ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް ހަސަން ވަނީ ފިނޭ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ ހދ.ވައިކަރަދޫގެ ދަނޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މީގެ ކުރީން ވަނީ އުތުރުން ހދ. ހަނިމާދޫގެ ގެއެއްގެ ގޯތި ތެރޭ ހުރި ރުކަކަށް ހޮނު އަޅައި، ރަށުގެ ބައެއް ގޭގޭގައިހުރި އިލެކްޓޯނިކް އާލާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.