ޚަބަރު

ކޯވިޑް-19 : ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް - އޭސީސީ


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ޤާއިމްކުރާ އައިސީޔޫ ސެޓަޕަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރުން ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް 3 ކުންފުންޏަކާއެކު 4 އެއްބައެއްބަސްވުމެއްގައި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. މީގެތެރެއިން މިހާތަނަށް ރާއްޖެ ގެނެވިފައިވަނީ 22 ވެންޓިލޭޓަރުކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން މިހެން ވިދާޅުވިފަހުން ގެނައި 10 ވެންޓިލޭޓަރާއިއެކު މިހާރު ވަނީ 32 ވެންޓިލޭޓަރު ގެނެސްފައެވެ.

ނާޑު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި ވެންޓިލޭޓަރުތައް

އޭސީސީގެ ރިޕޯޓުގައިވާގޮތުން 4 ވެންޓިލޭޓަރު ގަތުމަށް ނާޑު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާޢިދާ އެއްގޮތަށެވެ. މިކަމުގެ ބިޑަށް ހެލްތު މިނިސްޓްރީން ހުޅުވާލުމުން 9 ފަރާތަކުން ޕްރީބިޑަށް ހާޒިރުވެ 4 ފަރާތަކުން ވަނީ ބިޑް ހުށަހަޅާފައެވެ. އަދި ވެންޓިލޭޓަރު ސަޕްލައިންކޮށްދޭންޖެހޭކަމަށް، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަކެތު ގެނެވޭނެކަމަށް ހުށަހަޅާފައިވަނީ ނާޑު ޕްރައިވެޑް ލިމިޓެޑުންއެކަންޏެވެ. ހުށަހެޅިފައިވާ ބިޑްތައް އިވެލުއޭޓްކުރުމަށްފަހު 4 ޓްރާސްޕޯޓަބަލް ވެންޓިލެޓަރު ގަތުމަށް 8 މާޗް 2020 ގައިވަނީ ނާޑްއާއި އެކު އެއްބަސްވެފައެވެ.

އެފަރާތާ މިކަން ޙަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި ސަޕްލައި ކޮށްދިނުމަށް އެއްބަސްވިނަމަވެސް ދަތުރުފަތުރާއި އެނޫންވެސް ގޮންޖެހުންތަކާއެކު ވެންޓިލޭޓަރު ސަޕްލައި ކޮށްދެވިފައިވަނީ އިތުރުކޮށްދިން މުއްދަތުގެ ފަހުންކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19އާއގުޅިގެން ބޭނުންވާ ވަސީލަތްތައް ހޯދުމުގައިހުރި ގޮންޖެހުންތަކާ ގުޅިގެން ރައީސް އޮފީގެ ޕޮލިސީ ގްރޫޕްގެ ބޭފުޅުންނާއެކު މާޗް މަހުގެ 15ވަނަ ދުވަހު ހެލްތު މިނިސްޓްރީގެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ކޯވިޑް-19އާ ގުޅިގެން ހޯދަންޖެހޭ އެންމެހައި ތަކެތި އެމަޖެންސީގައި ހޯދުމުގެހުއްދަ ރައީސް އޮފީހުންވަނީ ދެއްވާފައެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމަންޓަށް އަންގައި މިއުސޫލުގެތެރެއިން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.

މިހުއްދައިގެ ދަށުން 3 ފަރާތަކާއެކު 145 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ހެލްތު މިނިސްޓްރީން ޙަވާލުކޮށްފއިވަކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ވެއެވެ. ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން ކުއްލިއަކަށް ކުރަންޖެހޭ ޚަރަދުތައްކުރުމުގައި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ލިޔެކިއުންތަކާއި އުސޫލުތައް ފުރިހަމަކޮށްގެންގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވަމުންދާތީ އެމަސައްކަތުގައި ލަސްތަކެއްވާކަން ބަޔާންކޮށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެމިނިސްޓްރީން ވަނީ ކުއްލިޙާލަތުގައި މަސައްކަތް ކުރުމުގައި މިފަދަ ބޮޑެތި ޚަރަދުތައް ކުރުމުގައި ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް، 1 މަސްދުވަހުގެ މުއްދަތެއް ދީފައިކަމަށްވެސް އޭސީން ފާހަގަކުރައްވައެވެ.

މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި ވެންޓިލޭޓަރުތައް

ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައިގެދަށުން ކޯވިޑް-19އާ ގުޅިގެން ޤާއިމްކުރާ 75 އައިސީޔޫ ސެޓަޕަށް ބޭނުންވާ 50 ވެންޓިލޭޓަރު އިންސްޓޯލްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއްގެ ގޮތުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމާފައިވަނީ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. މިފަރާތާ މަސައްކަތް ޙަވާލުކޮށްފައިވަނީ 14،445،700 (ސާދަމިލިޔަން ހަތަރުސަތޭކަ ސަޅީސް ފަސްހާސް ހަތްސަތޭކަ) ރުފިޔާ އަށެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 2020، މާޗް މަހުގެ 19ވަނަ ދުވަހުއެވެ. ވެންޓިލެޓަރުތައް ސަޕްލައިކުރަން އެއްބަސްވުމުގައިވަނީ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި ސަޕްލައި ކޮށްދޭގިތަށެވެ. މީގެ ތެރެއިން 18 ވެންޓިލެޓަރު 10 މެއިގައި ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ބާކީހުރި ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މެއި މަހުގެ 31ވަނަ ދުވަހު ގެންނާނެކަމަށާއި، އަނެއް 16 ވެންޓިލޭޓަރު، ޖޫމަހުގެ 15ވަނަ ދުވަހު ގެންނާނެކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ. ބާކީހުރި 6 ވެންޓިލޭޓަރު ޖުލައި މަހުގެ 15ވަނަ ދުވަހު ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް އޭސީސީގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ނާޑު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރި ވެންޓިލޭޓަރުތައް

ކޯވިޑް-19އާ ގުޅިގެން ޤާއިމްކުރާ 75 އައިސީޔޫ ސެޓަޕަށް ބޭނުންވާ 20 ވެންޓިލޭޓަރު ނާޑު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގެނައުމަށް ވަނީ ނިންމާފައެވެ. މި ވެންޓިލޭޓަރުތައް ގެނައުމަށް 7،031،541 (ހަތްމިލިޔަން ތިރީސްއެއްހާސް ފަސްސަތޭކަ ސާޅިސް އެއްރުފިޔާ އަށްޑިހަލާރި) ހޭދަވެއެވެ. މިވެންޓިލޭޓަރުތައް 14 ދުވަހުގެ ތެރޭގައި ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އެއްބައިވެފައި ވީނަމަވެސް މިއަދާ ހަމަޔަށް މިވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

ދުބާއީގެ ކުންފުންޏަކާ ޙަވާލުކުރި ވެންޓިލޭޓަރުތައް

ކޯވިޑް-19އާ ގުޅިގެން މުޅިދުނިޔެއއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެންޓިލޭޓަރުތައް އުފައްދާ ކުންފުނިތަކަށް، އެތަކެތި އުފެއްދުމުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރަންވަނީ ޖެހިފައެވެ.

ސަޕްލައި ކޮށްދިނުމަށް ހުރަސްތަކެއް އޮތުމުން، ދުނިޔޭގައި ވެންޓިލެޓަރު ސަޕްލައި ކުރަމުންދާ ކުންފުނިތަކުގެ ތެރެއިން ދުބާއީގެ ކުންފުންޏާކާ ވާހަކަދައްކައި ހެލްތް މިނިސްޓްރީން ވަނީ އަގުތަކެއް ހޯދާފައެވެ. ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާއެކު ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ"އާ ވާހަކަދައްކައި 75 ވެންޓިލޭޓަރު ގެނައުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

މި ކުންފުންޏަކީ "އިބްރާހީމް އަލީ ޤަމްބަރު ޢަލީ އަލްބްލޫޝިއީ" ގެނަމުގައި ރަޖިސްޓްރީކޮށްފައިވާ ސޯލް އެސްޓެބްލިޝްމަންޓެއްކަމަށާ، މި ކުންފުންޏަކީ ކޮމާޝަލް ލައިސަންސް އޮތް ދުބާއީގެ ކޮމާޝަލް ރަޖިއްޓްރީގައި ހިމެނޭ ކުންފުންޏެއްކަންވެސް އޭސީސީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. މިކުންފުންޏަކީ 15 އޭޕްރީލް 1997ވަނަ އަހަރުން ފެށިގެން ދުބާއީގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ މެމްބަރެއްވެސްމެއެވެ. އަދި އެކުންފުންޏަކީ ކޮމާޝަލް ލައިސަންއޮތް އަދި މިހާރު އޮތް ލައިސަންސްގެ މުއްދަތު 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހަށް ހަމަވާ ކުންފުނެއްކަމަށްވެސް އެރިޕޮޓުގައިވެއެވެ.

މި ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވަނީ 2 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. މިކުނފުންޏާއެކު އެއްބަސްވުން ހަދާފައިވަނީ އެޓާނީ ޖެނެރަލްގެ ހުއްދަޔާއެކުކަަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ. މި ކުންފުޏަށް އެޑްވާސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެތެރެއިން 25،876،687.50 (ފަންސަވީސް މިލިޔަން ހަތްސަތޭކަ ހަތްދިހަ ހަހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ ފަންސާސްލާރި) ވަނީ ޚަރަދުކޮށްފައެވެ. އަދި ކޮންޓްރެކްޓުގެ އަގުގެ %15އަށްވާ 5،175،337.50 (ފަސް މިލިޔަން އެއްސަތޭކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ތިރީސް ހަތްރުފިޔާ ފަންސާލާރި) މިދެޕޭމަންޓް ޓްރާސްފާ ކޮށްފައިވަނީ ދުބާއީ އިސްލާމިކް ބޭންކުގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށްކަމަށްވެސް އޭސީސީން ވިދާޅުވެއެވެ. މި ކުންފުންޏާ ޙަވާލުކުރި ވެންޓިލޭޓަރުތައް ގެނައުމަށް އެކިތާރީޚުތައް ދިންނަމަވެސް މީގެ ތެރެއިން އެއްވެސް ވެންޓިލެޓަރެއް އަދި ރާއްޖެއަށް ގެނެސްފައިނުވަކަމަށް އޭސީސީން ވިދާޅުވެއެވެ.

ނަމަވެސް އިއްޔެގެވަގުތެއްގައި މިކުންފުނިން ގެންނަން ހަމަޖެހިފައިވާ 10 ވެންޓިލެޓަރެއް ރާއްޖެ ގެނެސްފައިވާކަމަށް ނެޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.

އޭސީސީންވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނީ ނިޒާމުގައި، ދައުލަތުގެ މާލިއްޔަތަށާއި ޕްރޮކިއުމަންޓުގެ އެންމެހައި ކަންކަމަށް ޒިންމާވުމާއި، ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމަށް އެކިކަހަލަ ކޮންޓްރޯލްތައް ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެތެރޭގައި ދެވިފައިހުންނަ އެކި އިޚްތިޔާރުތަކަކީ، ވަގުތާ ޙާލަތަށް ލުއިދިނުމަށް ދެވިފައިހުންނަ އިޚްތިޔާރުކަމުގައި ވިޔަސް، އެއިން ކޮންމެ ޙާލަތެއްގައިވެސް، އިޚްތިޔާރުކުރަންޖެހޭނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްޞަދުތަކާއި، އެޕްރޮކިއުމަންޓު ޙަރަކާތެއްގެ މައިގަނޑު މަޤްޞަދު އެންމެ ރަނގަޅަށް ޙާޞިލްވާނެ، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތްތަކަށްކަމަށް އޭސީސީން ވިދާޅުވެއެވެ.