ވިޔަފާރި

ކޯވިޑް-19: އެމެރިކާގައި ވައިގެމަގުން ދަތުރުކުރާ މީހުން އިތުރުވާން ފަށައިފި


ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމަށްފަހު، އެމެރިކާގެ އެއަރލައިންތަކުން ދަނީ އަލުން އަނބުރާ ވައިގެ ދަތުރުތައް ފަށަމުންނެވެ.

ހޫނު މޫސުމާއި އެކު ދަތުރުކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެމެރިކާގެ ޑެލްޓާ އެއަރ ލައިންސް، ސައުތުވެސްޓް އެއަރލައިންސް، ޔުނައިޑަޓް އެއަރލައިންސް އަދި އެމެރިކަން އެއަރލައިންސްއިންވެސް ހާމަކުރާގޮތުން މި ހަފްތާތެރޭ އެއަރލައިންތަކުގައި ދަތުރުކޮށްފައިވާ ފަރާތްތައް މީގެ ކުރީ ހަފްތާތަކަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

އެޤައުމުގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ބުދަ ދުވަހު ވަނީ 230367 މީހުން އެއަރޕޯޓް ސެކިއުރިޓީގެ ޙިދުމަތް ހޯދާފައިވާކަމަށެވެ. މިއީ މާރޗު 25 ވަނަ ދުވަހަށްފަހު މިހާ ގިނަ މީހުން އެއަރޕޯޓް ސެކިއުރިޓީ ހުރަސް ކުރި ފުރަތަމަ ފަހަރެވެ.

އޭޕްރީލްމަހުގެ ތެރޭގައި ވައިގެ ދަތުރުފަތުރުތައް ބޭނުންކުރި ފަރާތްތައް ވަރަށް ބޮޑުތަނުން ދަށްވެގެން ދިޔައެވެ. އެގޮތުން އޭޕްރީލް 14 ވަނަ ދުވަހު އެއަރޕޯޓް ސެކިއުރިޓީން ހުރަސްކޮށްފައި ވަނީ 87534 ފަސިންޖަރުންނެވެ.

ޔުނައިޑަޓް އެއަރލައިންސްއިން ހާމަކުރާގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެއަރލައިންގައި ދަތުރުކުރާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 35000 އާއި 40000 އާއި ދެމެދުގެ އަދަދަކަށް މީހުން އެއެއަރލައިންގައި ދަތުރުކުރެއެވެ. އޭޕްރީލްމަހު މި ހިސާބުތައް ހުރީ 10000 ގައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ބާރަށް ފެތުރުމުގެ ކުރިން މިއަހަރުގެ ފެބްރުއަރީމަސް ހިސާބު އެއެއަރލައިންގެ ފްލައިޓްތަކުގައި ދުވާލެއްގެ މައްޗަށް ބައި މިލިއަން މީހުން ދަތުރުކޮށްފައިވެއެވެ.

މީގެއިތުރުން ކުރިއާލާ ބުކިންގްސް ހަދާ ފަރާތްތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން އަދި ޖުލައިމަހުގެ ތެރޭ ޗުއްޓީއަށް ދަތުރުތައް ކުރުމަށް މީހުން ޓިކެޓު ބުކް ކުރަމުންދާކަމަށް އެއަރލައިންތަކުން ހާމަކުރެއެވެ.