ޚަބަރު

ކޯވިޑް-19 : ސީމެކް ކުންފުނިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެން ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

ސީމެކުން މިތަކެތި ހަދިޔާކޮށްފައިވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށެވެ. މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި މިތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ. ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ، ފޭސް މާސްކް، ގޮގްލްސްއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނުވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، ޖެންޑަރ މިނިސްޓްރީއާއި ހަވާލުކުރާނެކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ސީމެކް ކުންފުނިން އަނެއްކާވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރާއްޖޭގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކަކުން ދަނީ މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދެމުންންވެ. އެގޮތުން ކަރަންޓީން ފެސިލިޓީތައް ޤާއިމުކުރުމާއި، މި ދަނިވަޅަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.