ޚަބަރު

ކޯވިޑް-19 : މިއަދުވެސް 230އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފި


މިއަދުވެސް 230އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ. މި މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިއަދު އަނބުރާ ޤައުމަށް ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑޮނޭޝިއާގެ 190 ރައްޔިތުންނާއި ޔޫރަޕްގެ އެކި ޤައުމުތަކަށް ނިސްބަތްވާ 47 މީހުންންވެ. މިމީހުން އަނބުރާ އެމީހުންގެ ޤައުމުތަކަށްދާނީ، ސްރީ ލަންކާގައި ޓްރާންސިޓްކުރުމަށްފަހުކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓް

އިތުރު ބިދޭސީންތަކެއް އަނބުރާ ފޮނުވާލުމުގެ ހުއްދަ އިމިގްރޭޝަނުން ދީފައުވާއިރު، ވިސާ ޖެހުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް އެ އިދާރާއިން ވަނީ ދޫކުރަން ފަށާފައެވެ. އިމްގްރޭޝަނުން ވިދާޅުވީ، ދޫކުރަމުން އަންނަނީ ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުކުރުމުގެ ކުރިން ވިސާ ޖެހުމަށް އެއިދާރާއަށް ހުށައަޅާފައިވާ ޕާސްޕޯޓްތައްކަމަށެވެ.

ޕާސްޕޯޓްތައް ދޫކުރަންފެށީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. ހުކުރު، ހޮނިހިރު ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު އެގާރައިން މެންދުރުފަހު އެކެއް ޖަހަންދެން ޕާސްޕޯޓުތައް ދޫކުރަމުން ގެންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ބަލާ އަންނައިރު ވިސާއަށް ހުށައެޅި ރިސިޕްޓް ގެނައުމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.