ޚަބަރު

ކޯވިޑް-19 : ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް 21.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ


ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ޖަޕާނުން އެހީވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނު ސަރުކާރުން ޔޫއެންޑިޕީ މެދުވެރިކޮށް 21,740,400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ޖަޕާނުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޔުނިސެފާއި ރެޑް ކްރެސެންޓް މެދުވެރިކޮށް، ޖާޕާނު ސަރުކާރުން ރާއްޖެއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން ޔުނިސެފް މެދުވެރިކޮށް ފަސް މިލިއަބް ހަ ލައްކަ ތިރީސް ހަތަރު ހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށް ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް، ދެ މިލިއަން އަށް ލައްކަ ފަންސާސް ދެހާސް ހަތް ސަތޭކަ ދިވެހި ރުފިޔާ، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާފައިވާކަމަށް އެމިނިސްޓްރީ މައުލޫމާތުދެއްވިއެވެ. މިއެހީ ބޭނުން ކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމްކުރުމަށްކަމަށް އޭރު ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައވާފައެވެ. އަދި މިއީ ކޯވިޑް-19އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުންދެކޭކަމަށް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރގެ ޓުވީޓް

ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ޤައުމެވެ. އެޤައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްޤީގެ އިތުރުން މޫސުމީ ބަދަލުތަކާގުޅޭ ކަންކަމަށް ހިންގާ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމެވެ.