އަތޮޅުތައް

ކަޅުއޮށްފުންމި ބަންނަން ފަށައިފި


މިނިވަން 50 ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން، އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ބަންނަ އުޅަނދުގެ މަސައްކަތް ނޭކުރެންދޫގައި ފަށައިފިއެވެ.މިއުޅަނދު ބަނުމުގެ މަސައްކަތް ކުރަމުންދާ، ހދ. ނޭކުރެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމަސައްކަތް ފެށުމުގެ ގޮތުން 3 ބުރި ފަށަން ބެހެއްޓުމުގައި ހަރަކާތްތެރިވީ، ނޭކުރެންދޫގެ ވެރިންނާއި އެރަށުގެ ސްކޫލް ދަރިވަރުންނެވެ. އެ މަސައްކަތުގެ މައުލޫމާތު ދެއްވަމުން އެކަން ހަވާލުކޮށްފައިވާ މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖްގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ހަލީމް ވިދާޅުވީ ކަޅުއޮށްފުންމި ބަންނަނީ 51 ފޫޓް ދިގުކޮށް ކަމަށާއި، މިއަދު އެ ދޯނީގެ މައްޔާ ބެހެއްޓުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހު 8 ވަނަ ދުވަހު ގެ ނިޔަލަށް އެ ދޯނީގެ މަސައްކަތް ނިންމާލެވޭނެ ކަމުގައި ޙަލީމް ވިދާޅުވިއެވެ. ކަޅުއޮށްފުންމިއަކީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑިއެކެވެ. މިނިވަން 50 އާ ގުޅުވައިގެން، އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.