ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ޝުޢައިބު ޔޫސުފް ޢައްޔަންކުރައްވައިފި


  • ޝުޢައިބު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކުރައްވާފައި

  • ޓްރައިބިއުނަލްގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރެއްވީ މިދިޔަ މަހު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް ޢައްޔަންކުރައްވައިފިއެވެ.

ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ޝުޢައިބު ޔޫސުފް ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބު ޔޫސުފާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، ޖުލައި މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާވަނީ ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެމަޤާމަށް އައްޔަންކުރެއްވީ އަލްއުސްތާޛު އަމްޖަދު މުޞްޠަފާއެވެ. އަދި މިމަހުގެ 3ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މއ.އެރަލްސީ، އަޙްމަދު މަމްދޫހްވަނީ އައްޔަންކުރައްވާފައެވެ.