ޚަބަރު

ކޯވިޑް-19 : ބަލީގެޙާލަތު އިތުރަށް ގޯސްވެއްޖެނަމަ، ފުރަބަންދަށް އެނބުރިދާންޖެހޭނެ - ރައީސް


ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި ބަލީގެ ޙާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ޙާލަތަށް އަނެއްކާވެސް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު އޮތް ފުރަބަންދުގެ މުއްދަތަށްފަހު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ލުއިތައް ދިނުނަށް ނިންމާފައިވަނީ ޞިއްޙީ އިސް ބޭފުޅުންގެ އިރުޝާދާއެކު ކަމަށެވެ. އަދި މިލުއިތަކާއެކު ރާއްޖެ މިބަލިން ސަލާމަތްވެ ބަލިން އަރަގަތުންކަމަށް އެއްވެސް ވަރަކަށް ބަލައިގަނެގެން ނުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުން ދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައި ވެސް އަދި ޤަބޫލުކުރައްވައިގެން ނުވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފުރަބަންދުކުރުމަށް ފުރަތަމަ ނިންމީ މާލެއިން މި ބަލީގެ މީހަކު ފެނުނު ދުވަހުއެވެ. އެއީ މިދިޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހެވެ. އެދުވަހު ފުރަތަމަ ފަހަރަށް މާލެ ސަރަހައްދު ފުރަ ބަންދުކުރީ 24 ގަޑިއިރަށެވެ. އަދި ޖެހިގެންއައި ދުވަހުވެސް އިތުރު ސައުވީސް ގަޑިއިރަށް ފުރަބަންދުކުރުމަށްފަހު 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ފުރަބަންދުކުރީ އޭޕްރިލް މަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ މުއްދަތު ހަމަވުމާއި އެކު މިމަހުގެ 1ވަނަ ދުވަހުން ފެށިގެން އިތުރު 14 ދުވަހަށް އަނެއްކާވެސް ފުރަބަންދުގެ މުއްދަތު އިތުރުކުރިއެވެ. މިހާރު އޮތް ފުރަބަނަދުގެ މުއްދަތު ހަވާނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ރާއްޖެއަށް ބޭރުގެ އެކި ޤައުމުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބޮޑެތި އެހީތަކެއް ލިބެމުންދާކަން ރައީސުލް ޖުމްހޫރިއްޔާވަނީ ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގެ ޙިއްޞާދާރުންނަށާއި، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް، ރިސޯޓްތަކާއި ގެސްޓް ހައުސްތައް ދޫކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިޚާއްސަ ވަގުތުގައި ބޮޑެތި ޤުރުބާނީތަކެއް ވަމުންދާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޞިއްޙީ ބޭފުޅުންނާއި، ސިފައިންނާއި، ފުލުހުންނާއި، ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ ބުރަމަސައްކަތް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

"މިވަގުތުވެސް އެންމެޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ކޮވިޑް-19އާ ދެކޮޅަށް އެންމެކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން އެވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި އެޗް.ޕީ.އޭއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ކެޑޭޓްކޯ، ސްކައުޓުންނާއި ގާރލް ގައިޑުން އަދި ރެޑް ކްރެސެންޓާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާ އެކު އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުން، ކެތްތެރިކަމާ އެކު ގޭގައި ތިއްބަވާ ތިއްބެވުމަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުވަނީ މިޙާލަތުގައި ކަމާގުޅުންހުރި ފަރާތްތަކުން ކުރައްވާ މަސައްކަތަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއިންކޮންމެ ބޭފުޅެއްގެ އަމިއްލަ ފުރާނަޔާއި ރައްކާތެރިކަމަށްވުރެ ޤައުމު އިސްކޮށްފައިވާކަމީ ނުހަނު އުފަލާއިއެކު ފާހަގަކުރާ ކަމެއްކަމަށް ރައީސުލްޖުމްހޫރުއްޔާ ވިދާޅުވިއެވެ.