ޚަބަރު

8 ބޭންކަކުން 15،000އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފި


ރާއްޖޭގައި ހިންގަމުންދާ 8 ބޭންކެއް މެދުވެރިކޮށް ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ 15،000އަށްވުރެ ގިނަ ލޯނު ދެއްކުމުގެ މުއްދަތު ކޯވިޑް-19އާ ގުޅިގެން ފަސްކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ދަނީ ކުރައްވަމުންނެވެ. އެގޮތުން ގިނަބަޔަކު ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 15،000އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިތަކަށާއި އެކިކަންކަމަށް، އަމިއްލަ ފަރުދުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ ޖުމުލަ 8 ބޭންކަކުން ބައިވެރިވެފައިވާކަމަށެވެ.

" ލޯނުތަކުގެ ތެރެއިން މިހާތަނަށް 15،000އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ. އޭގެ ތެރެއިން %83 ލޯނަކީ، އާދެ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް. ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޙާލަތާ ގުޅިގެން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށާ، އަމިއްލަ މަސައްކަތްތެރިނަށް ލުއިގޮތްތަކެއް ފަހިކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭންކުތަކާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވަން ކުރެއްވި މަސައްކަތަށް ބޭންކުތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ" ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ޕެކޭޖެއް ކަނޑައަޅުއްވައި އެމަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދ އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިޙާލަތަކީ މުޅި ދުނިޔެއަށްވެސް ގޮންޖެހުން ބޮޑު އުދަގޫ ޙާލަތަކަށްވާއިރު މިފަދަ ޙާލަތްތަކުގައި، ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަނޑިވަޅަކީ އެކަންކަން އިސްލާހުކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ދެކެންޖެހޭކަމަށެވެ. ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަމުގައި އިސްނަގަން އެންމެ އެކަށީގެންވާ ވަގުތަކީ މިއީކަމުގައި ދެކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅަކަށް މިވަގުތު ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.