ޚަބަރު

ކޯވިޑް-19 : ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާ މުޚާޠަބު ކުރައްވަނީ


ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުޚާތަބު ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަތުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގައި ކަމަށެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވާއިރު އެމަނިކުފާނު ދަނީ މިހާރުގެ ޙާލަތާ ގުޅޭގޮތުން އެކުލަވާލާފައިވާ ޓާސްކްފޯހާއި، ކަމާ ގުޅުންހުރި އިދާރާތަކާ، ކޮންމެ ރެޔަކުވެސް ބައްދަލުކުރައްވައި ކަންކަން ހިނިގަމުންދާގޮތް އޮޅުން ފިލުއްވަމުންދާކަމަށެވެ.

ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން އެމަނިކުފާނުވަނީ މިމަހުގެ 4ވަނަ ދުވަހުވެސް ޤައުމާ މުޚާތަބުކުރައްވާފައެވެ. އެދުވަހުގެ ޚިތާބުގައިވެސް އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންނަށް މިޙާލަތުގައުވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ސަރުކާރުން ކުރަންޖެހޭ ކޮންމެ ހޭދައެއް ކުރައްވާނެކަމަށް ވިދަޅުވެފައެވެ. އަދި ކަންކަން ކަށަވަރު ކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ މާލީ އިދާރާތަކާ ގުޅިގެން ހުއްޓުމުމެއްނެތި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ކޮންމެ ޚިތާބެއްގައިވެސް، މިހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލެއްވުމަށްވަނީ ނުހަނު ބޮޑަށް އެދިވަޑައިގެންފައެވެ. އަދި މިޙާލަތުގައި ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ކެތްތެރިކަމަށާއި، ކަމާބެހޭ ފަރާތަތްތަކުން ދެއްވާ އިރުޝާދުތަކަށް އިޖާބަދިނުމުގައި ދައްކަވަމުންދާ ނަމޫނާއަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.