ޚަބަރު

ކޯވިޑް-19 : އޮޕަރޭޝަނާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންގެ މެދުގައި ވަރޗުއަލް ކޮންފަރެންސެއް ބާއްވައިފި


ކޯވިޑް-19 އާއި ގުޅިގެން ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ވަރޗުއަލް ކޮންފަރެންސެއް ބާއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ކޮޕްސް ކޮމަޑާންޓުންނާއި އޭރިޔާތަކުގެ ކޮމާންޑަރުންނާއި އެކި ސަރަހައްދުތަކުގައި ތިބި ސިފައިންގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައިވަނީ ކޯވިޑް19 އިން ރައްޔިތުންނާއި ޤައުމު ސަލާމަތްކުރުމަށް ޤައުމީ ފެންވަރުގައި ސިފައިން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ސިފައިން ހިންގާ އޮޕަރޭޝަންގައި ކުރިއަށްއޮތްތަނުގައިވެސް އަމަލުކުރާނެ އުސޫލުތަކާއި ސިފައިން އިސްކަންދެންވީ ކަންކަމާމެދު އިސްސަފުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ދޭންވާ އިރުޝާދާއި ލަފާދިނުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އިސްކޮސް ހަރަކާތްތެރިވަނި ސިފައިންނެވެ. އެގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމާއި ތައްޔާރުރާ ފެސިލިޓީތަކާއި އެނޫންވެސް އިންތިޒާމުތަށް ސިފައިންބަލަހައްތަމުްނދާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ރަނގަޅުވާ މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ރައްޔިތުންނަށް މިދަނޑިވަޅުގައި ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ފަހިކުރުމަށް ދިވެހި ސިފައިން ރެއާދުވާލު ދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ކޯވިޑް-19 ގައި އޮޕަރޭޝަންގައި އިސްކޮށް ސިފައިން ހަރަކާތްތެރިވަމުންދާއިރު، ސިފައިންގެ ތެރެއިންވެސް ބަޔަކު ވަނި ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި ބައެއް ސިފައިން މިކަމާއި ގުޅިގެން ކަރަންޓީން ކުރެވުނެވެ. ނަމަވެސް ޤައުމީ ވާޖިބު އަދާކުރުމުގައި ސިފައިން އަބަދުވެސް ދެމިތިބޭނެކަމަށާއި، އެންމެ ފަހު މިހާއާއި ޖެހެންދެންވެސް ޚިދުމަތުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމަށް ޗީފް އޮޕް ޑިފެންސް ފޯސްވަނި ވިދާޅުވެފައެވެ.