ޚަބަރު

ކޯވިޑް-19 : މިއަހަރުގެ ބާކީބައިގައި ކިޔަވައިދޭނީ ސިލަބަހަށް ބަދަލު ގެނެސްގެން


މިއަހަރުގެ ބާކީބައިގައި ކިޔަވައިދޭނީ ގްރޭޑްތަކަށް ކަނޑައަޅާފައިވާ ސިލަބަހަށް ބަދަލުގެނެސް އޭގައި ހިމެނޭ އެންމެ މުހިންމު ބައިތައް ހިމަނައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްޞަ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ ޓެލިކިލާސްތައް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި މިހާރު ކުރިއަށްދަނީ އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަންކަމަށެވެ. އަދި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާއިރު މިއަހަރުގެ ތެރޭގައި ސިލަބަސް ކަވަރ ކުރެވޭނެ ގޮތަކަށް ސިލަބަހަށް ބަދަލުގެނެސް ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ފިލާވަޅުތައް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށްވެސް ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ސިލަބަސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސްކޫލުތަކަށް އަންގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ވެބްސައިޓަށް މިހާރު އަޕްލޯޑްކޮށްފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިލަބަސް ކަވަރކުރުމަށްޓަކައި ކޮންޓެންޓަށް ބަދަލުތަކެއް އައިނަމަވެސް ހުރިހާ މާއްދާއެއްވެސް ކިޔަވައިދޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ސިލަބަހުގެ ކޮންޓެންޓުން ބައެއް ވާނީ މަދުކޮށްފަ. މިއަހަރު ކަވަރު ކުރަންޖެހޭ ބައިތައް ފާހަގަކޮށް، ނޭޝަނަލް އިންސްޓިޓއުޓް އޮފް ޢެޑިޮއުކޭޝަނުން މިހާރުވާނީ މިއަހަރު ދެން ކިޔަވައިދޭނެ ސިލަބަސް ވެބްސައިޓަށް އަޕްލޯޑްވެސް ކޮށްފަ. ހުރިހާ މާއްދާތަކެއްވެސް ކިވަދޭނެ، ބައެއް ޒިންމާދާރު ފަރާތްތަކުންވެސް މިކަމާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާތީ ހިތާމަކުރާކަމެއް. ޓެލިކްލާސްތަކުން ގުރުއާންވެސް އަދި އެހެން ހުރިހާ މާއްދާވެސް ކިޔަވައިދޭނެ" ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަންނަ ހަފްތާއިން ފެށިގެން ޓެލިކިލާސްތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެފައިވާއިރު މިފަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޓީޗަރުން ގޭގައި ތިއްބެގެން ފިލާވަޅުތައް ރެކޯޑްކުރުމަށްފަހު ޕީއެސްއެމްގެ ޗެނަލްތަކުންނެވެ. ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމަށް 350 ވުރެ ޓީޗަރުން ހަރަކާތްތެރިވާއިރު މިކަމުގެ އިންޒާމުތައް ހަމަޖެއްސުމުގައި 50 ވުރެ ގިނަ ސްކޫލް ބައިވެރިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަކީ އިންޓަރނެޓް މެދުވެރިކޮށް ކުރެވޭ ކަމަކަށްވުމުން ދިރާގާއި އުރީދޫއާއި ވާހަކަ ދައްކައިންގެން ކޮންމެ ޓީޗަރަކަށް 10 ޖީބީގެ ޑާޓާ ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާއު ގުޅިގެން އަންނަ އައު ޢާއްމު ޙާލަތުގައި ސްކޫލުތަކުގައި ކިޔެފުން ފެށޭއިރު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. އެގޮތުން އައު ޢާއްމު ޙާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް މިހާރު ހަދަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ޙާލަތުގައި ކިޔަވައިދޭއިރު ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުޑަވާނެކަމަށާ ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ނުވަތަ ގައިދުރުކޮށް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިހާރު މާލޭގެ ގިނަ ސްކޫލްތައް ދެ ދަންފަޅިއަށް ކިޔަވައިދެމުންދާއިރު އެ ސްކޫލްތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެހެންނަމަވެސް މިގޮތަށް ހަތަރު ދަންފަޅިއަން ކިޔަވައިދޭން ފަށައިފިނަމަވެސް އެކުދިން ސްކޫލްގައި ކިޔަވަމުންދާނީ ދުރުދުރުގައި މޭޒުތައް ބަހައްޓައިގެންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.