ޚަބަރު

ކޯވިޑް-19 : ދައުލަތުން ކުރާ ޚަރަދުތައް އޮޑިޓްކުރަން މަޖިލީހުން ފާސްކޮށްފި


ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ދައުލަތުން ކުރަމުންދާ ޚަރަދާއި، ދަރަންޏާއި މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މި އިޞްލާޙު ހުށައެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާއި އަދި މި ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ހުށައެޅުއްވި އިޞްލަޙާއެކު ކޮމިޓީގެ ރިޕޯޓް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.

އީވާ ހުށައެޅުއްވި އިޞްލާހުގައި ވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުން ކުރާ ޚަރަދުތަކާއި، އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ދައުލަތުގެ ދަރަނީގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ކުއާޓާއެއްގައި ހެދުމަށެވެ. އަދި ބަލިމަޑުކަމުގެ މިފަދަ ދަނޑިވަޅެއްގައި ޚާއްޞަ އަހައްމިއްޔަތެއް ދީގެން އޮޑިޓެއް ކުރުމަކީ ބައިނަލްއަޤްވާމީ އޮޑިޓް ނިޒާމުގައި ބާރުއަޅާކަމެއްކަމަށާއި، ދައުލަތުގެ މާލިއްޔަތާއި މިލްކިއްޔާތާއި ދަރަނި އޮޑިޓްކުރުމަކީ ޤާނޫނު އަސާސީއާއި އޮޑިޓަރ ޖެނެރަލްގެ ޤާނޫނުން އޮޑިޓަރ ޖެނެރަލަށް ލާޒިމްކޮށްފައިވާކަމެއްކަމަށެވެ.

އެހެންކަމުން ކޮންމެ ކުއާޓާއެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި އެ އޮޑިޓް ނިންމަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި ކޯވިޑް-19 ގެ މި ޙާލަތުގައި ދައުލަތުގެ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކުގެ ފައިނޭންޝަލް އޮޑިޓްތައް ދޮޅު މަސް ދުވަހުގެ ތެރޭގައި ނުވަތަ 45 ދުވަހުގެ ތެރޭގައިނިންމާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް އޮޑިޓަރ ޖެނެރަލްއަށް އެންގުމަށްވެސް މަޖިލީހުން ފާސްކުރި ނިންމެވުމުގައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް މަޖިލީހުގެ 12 ކޮމިޓީއަކަށް ދިރާސާކުރުމަށް ހުށައަޅާފައިވެއެވެ. އަދި މި ކޮމިޓީތަކުން ސަރުކާރަށް ހުށައެޅުމަށް 300 އަށްވުރެ ގިނަ ހުށައެޅުން ރިޕޯޓްތަކުގައި ހިމަނާފައިވާއިރު، އެ ހުށައެޅުންތަަކަށް ސަރުކާރުން ރިޢާއަތްކުރާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.