ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރައިން ބައެއް އުނިކުރަން ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކުން ކޮވިޑް-19 އާއި ގުޅިގެން ކުޑަކުރުން މުރަޖާޢާ ކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ މައްސަލއަށް މަޖިލީހުން ނިންމާފައިވަނީ މެއި، ޖޫން އަދި ޖުލައި މަހުގެ ނިޔަލަށް މުސާރައިން ބައެއް އުނިކުރާށެވެ.

މުސާރަ އުނިކުރަން މަޖިލީހުން ފާސްކުރި ނިސްބަތް:
20،001ރ - 30،000ރ %20
30،001ރ - 60،000ރ %30
60،001ރ އަށްވުރެ މަތި %35

ރައީސުލްޖުމްހޫރއިްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ރައްޔިތުންގެމަޖިލީހުގެ މެންބަރުންނާއި، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ނިންމަވާފައިވާއިރު، މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލީހުން ކަނޑަަޅާ މުސާރަތައް މުރާޖައާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ވާހަކފުޅު ދެއްކެވި މެންބަރުން ވަނީ މުސާރަ ކުޑަކުރުމަށް ކޮމިޓިން ފާސްކޮށްފައިވާ ނިންމެވުމަށް ތަޢީދުކޮށް ވާހަކފުޅު ދައްކަވާފައެވެ.

"އިޤްތިޞާދު ހަމަމަގަށް އެޅޭންދެން ހުރިހާ ޚަރަދެއް އޭގެ ތެރޭގައި މުސާރަވެސް ކޫޑަކުރުމަކީ މުހިންމުކަމެއް. ވިހި ހާސް ރުފިޔާއިން މަތިން މުސާރަލިބޭ އެކި ފަރާތްތައް މުސާރަ ކުޑަކުރުމަށްޓަކައި ކުރެވުނު މަސައކްަތް ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން." މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅިވިއެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން މެންބަރުން ވަނީ ރާއްޖޭގެ އިޤްތީޞާދު ހުޅުވާލުމަށް ގޮވާލައްވާފައެވެ.