ޚަބަރު

ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މައްސަލައަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނަން- މަޖިލީހުގެ ރައީސް


މިހާރުތިބި ކައުންސިލްތަކުގެ މެންބަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހާމެދު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން އިޞްލާޙެއް ހުށައަޅާފައިވާއިރު، ކައުންސިލްތަކުގެ ދައުރު ދިގުދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވަނީ ޚާއްޞާ ބިލެއްވެސް މަޖިލީހަށް ހުށައަޅުއްވާފައެވެ.

ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެފައިވަނީ ޤާނޫނު އަސާސާި އިޞްލާޙުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

އެހެންކަމުން މިހާރުތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިމަހުގެ 26، 27 އަދި 28، މި ތިންދުވަހު މި މައްސަލައަށް ގޮތެއް ނިންމަވާނެކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއަށް އިޞްލާޙު ގެންނާނީތޯ ނުވަތަ ނުގެންނާނީތޯ ނިންމަވާނީ މަޖިލީހުގެ މެންބަރުންކަމަށާއި، ނަމަވެސް މިމަހުގެ 28 ގެ ކުރިން މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މި ތިން ދުވަހުގެ ތެރޭގައި މި މަސައްކަތްކޮށް އަޅުގަނޑުމެންނަށް އެ މަސައްކަތް ނިންމޭނެކަމަށް. އެހެންނަމަވެސް އިއްޒަތްތެރި މެންބަރުން މިކަމުގަ ދެކެވަޑައިގަންނަވާގޮތް އެއީކީ އަޅުގަނޑާ ގުޅޭ ވާހަކައެއްނޫން. ޢިއްޒަތްތެރި މެންބަރުން އަޅުގަނޑު ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެސް ގޮތެއް އަޅުގަނޑު ނެރެދޭނަމޭ. އެއީ ކޮންގޮތެއްކަމެއް، ޤާނޫނު އަސާސީ އިޞްލާޙުވުންތޯ ނުވަތަ ނުވުންތޯ، އިޞްލާޙު ކޮންގޮތަކަށްވުންތޯ އެޔެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތްކޮށްދޭނަން މި ނިމުމަކަށް މިކަން ގެންދިއުމަށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން މަޖިލީހުގެ މެންބަރުން ޚިޔާލު ތަފާތުވެފައިިވާއިރު، ޤާނޫނު އަސާސީ އިޞްލާޙުނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނަކުން ފާސްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ ވިދާޅުވެފައެވެ.

ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުގައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ. މިހާރު ތިބި ކައުންސިލްތަކުގެމެންބަރުންގެ ދައުރު ޖޫން މަހުގެ 03 ވަނަ ދުވަހަށް ހަމަވާނެއެވެ.

ކުރިން ކައުންސިލްތަކުގެ ދައުރަކީ 3 އަހަރު ދުވަހެވެ. ނަމަވެސް މިހާރު ކައުންސިލްތަކުގެ ދައުރު ވަނީ ފަސް އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފައެވެ. މާލީ ބޮޑެތި ބާރުތަކާއިއެކު ފަސް އަހަރުދުވަހަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ޤާނޫނު އަސާސީ މީގެ ކުރިން މި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.