ޚަބަރު

ފަތުރުވެރިކަން އަލުން ފެށުމަށް މަޖިލީހުގެ ލަފައަކަށް


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ، ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށްއެދި ފޮނުއްވާފައިވާ ސިޓީފުޅުގައި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ދެލިކޮޕީއެއްވެސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މިސިޓީފުޅުގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައިވާކަން ފާހަގަކުރައްވައި ފަތުރުވެރިކަން އަލުންފެށުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެންވެސް މުހިންމުކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުންފެށުމަށްޓަކައި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީ އެ މިނިސްޓްރީން އެކުލަވާލާފައިވާކަމަށާއި، މި ގައިޑްލައިން އެކުލަވާލުމުގައި ދުނިޔޭގެ އެހެނިހެން ޤައުމުތައް މިކަމުގައި ގެންގުޅޭ މިންގަނޑުތަކަށާއި، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށާއި، ޑަބްލިއުޓީއޯގެ ލަފަޔާއި އިރުޝާދަށާއި، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލާފައިވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންގައި ޓޫރިޒަމް އަލުން ފަށައިގަނެ ފަތުރުވެރިން ރާއްޖެ ގެންނައިރުު ޚާއްޞަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި ފަންސާސް ހާސް ޑޮލަރު ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ފަތުރުވެރިންގެ އަތުން ނަގާ ޚާއްޞަ ފީއެއްގެ ގޮތުގައި ސަތޭކަ ޑޮލަރު އަދި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނަގާގޮތަށްވެސް ވަނީ ހިމަނާފައެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ހިސާބުން ފެށިގެން އެ ފަތުރުވެރިޔާ ފުރުމާއި ހަމައަށް ޢަމަލުކުރާނެ އުސޫލުތައްވެސް މި ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުން ޢަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރ ވަނީ މި ގައިޑްލައިނާމެދު މަޖިލީހުން ދެކޭގޮތެއް މިމަހުގެ 25ގެ ކުރިން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ސިޓީއާއި ގައިޑްލައިން ދިރާސާކޮށް ގޮތެއް ނިންމެވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. އަދި މިއަދު އެ މަސައްކަތް ފެށުމަށް މަޖިލީހުގެ ރައީސް ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ. އަދި ކަމާގުޅުންހުރި ބޭފުޅުންނާއި މަޝްވަރާކޮށް ކޮމިޓީން ވީހާވެސް އަވަހަށް ގޮތެއް ނިންމެވުމަށްވެސް އެމނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.