ޚަބަރު

ކޯވިޑް-19 : އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް


ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 4 މީހަކާއި، ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1186އަށް އިތުރުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިމަހުގެ އެންމެ ފަހު ދެހަފްތާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާކުރި ޢަދަދުތަކަށްވުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްކުރެވިފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ވިދާޅުވެއެވެ. މި ޢަދަދު ދަށްކުރެވިފައިވަނީ ފުރަބަންދުކުރުމާއި، އެނޫންވެސް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ޢަމަލުކުރުމުންކަމށްވެސް ޓެގް ޓީމުން ފާހަގަކުރައްވައެވެ.

އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ރަށްރަށަށް ލުއިދިނުމުގެ ވިސްނުން ހުރިކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެލުއިތައް ދޭއިރު ރައްޔިތުންވެސް ވިސްނާ ޢަމަލުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، މިކަންކަމުގައި ކަނޑައެޅިފައިވާ ހަމަތައް ހިފަހައްޓަންޖެހޭނެތީ އެކަންކަމަށް ސަމާލުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.