ޚަބަރު

ކޯވިޑް-19 : މާލެ އަންނަން ބޭނުންވި 3016 މީހަކަށް ހުއްދަ ދީފި


ރަށްރަށުގައި ތިބި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ ނާދެވިފައި ތިބި 3000އަށްވުރެ މީހުންނަށް މާލެއައުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ 24 އިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 3016 މީހަކަށް މާލެ އައުމުގެ ހުއްދަވަނީ ދޫކޮށްފައެވެ. ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ފުރަބަންދު ކުރުމާއެކު މާލެއަށް ނާދެވި އަތޮޅުތަކުގައި ތިބި މީހުންނަށް މާލެ އައުމުގެ ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެގޮތުން އެކަމަށް އެދި ފުރަތަމަ ފަހަރަށް ފުލުހުންގެ ހުއްދައަށް އެދިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު 5 މީހެކެވެ. އަދި އެންމެ ގިނައިން ހުއްދައަށް އެދި ހުށައަޅާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ 277 މީހުންނެވެ. އަދި މިމަހުގެ 4 ވަނަދުވަހު 173 މީހުން އަދި 3 ވަނަ ދުވަހު 123 މީހުން ވަނީ ހުއްދަ އަށް އެދި ހުށައަޅާފައެވެ.

މީގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު 112 މީހުން މާލެ އަންނަ ބޭނުންވެގެން ފުލުހުންގެ ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށްވެސް މިތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ވަނީ 100 މީހަކު ހުއްދައަށް އެދި ހުށައަޅާފައެވެ. އަދި މިމަހުގެ 19 ވަނަ ދުވަހު 28 މީހަކު ވަނީ މާލެއައުމުގެ ހުއްދައަށް އެދި ހުށައަޅަފައެވެ.

ފުލުހުންގެ ހުއްދައަށް އެދި ހުށައެޅުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް 1825 މީހަކު ހުއްދައަށް އެދިފައިވާއިރު ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް 1191 މީހުންވަނީ ހުއްދައަށް އެދިފައެވެ. ރަށްރަށުން މީހުން މާލެ އައުމަށް ހުއްދަ ދިނުމުގައި ފުލުހުން އަމަލުކުރަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން ހުއްދައަށް އެދޭ މީހާއަކީ ކަރަންޓީނުކޮށްފައިވާ ނުވަތަ މޮނީޓަރިންއަށް ލާފައިވާ ރަށަކުން ނުވަތަ ގެއަކުން އަންނަ މީހެއްތޯ ބަލާނެއެވެ. އަދި މާލެ އައުމުގެ ހުއްދައަށް އެދޭ މީހާ އަކީ ޕޮޒިޓިވްވެފައިވާ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ މީހެއްތޯ ވެސް ފުލުހުން ކަށަވަރު ކުރެއެވެ.

އެކި ރަށްރަށުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ފުރަބަންދާއި ގުޅިގެން މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންވެސް އެމީހުންގެ ރަށައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މީހުން ރަށައް ފޮނުވުމުގެ ކުރިން ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް މަޑުކުރާނެއެވެ. އަދި އެއަށްފަހު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ރަށަށް ފޮނުވުމަށް ދޫކޮށްލާނެއެވެ.

މާލެއިން ރަށްރަށަށް ދާން އެދުނު މީހުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވާފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި 1800 މީހުން ރަށަށް ފޮނުވުމަށް ކަރަންޓީނު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.