ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގައިދުރުކަން އިޚްތިޔާރުކުރުމުން ފާއިތުވި ހަތަރު އަހަރުދުވަހު ދަށަށް ނުދާ މިންވަރަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ދަށަށް ގޮސްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްސަލް ވިދާޅުވީ 2017 އިން ފެށިގެން ކޮންމެ އަަހަރެއްގެ ކުރީކޮޅު ނުވަތަ ފުރަތަމަ ފަސް މަސްދުވަހު ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ގިނަކަން ފާހަގަކުރެވޭކަމަށެވެ.
ނަމަވެސް މިއަރުގެ މިވީ މުއްދަތުގެ ތެރެގައި ގައިންގަޔަށް އަރާބަލިތައް މުޅިރާއްޖޭގައިވެސް މަދުކަން ސިއްޙީ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. ޑރ. އަފްސަލް ވިދާޅުވީ މިއަހަރު ފެށުނީއްސުރެ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅުތައް އަޅަންފަށާފައިވާކަމަށާއި އެގޮތުން ގައިދުރުކުރުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމުގެ އިތުރުން ރޯގާއި އާއި ހުމުގެ އަލާމާތްތައް ހުންނަ މީހުން ބޭރަށް ނުނިކުތުމަށް ސިއްޙީ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދަށް ރައްޔިތުން ސަމާލުކަންދޭކަން ފާހަގަކުރެވޭކަމަށެވެ.
ކޯވިޑް-19 އަކީވެސް ގައިންގަޔަށް އަރާ ބައްޔެއްކަމުން މިހާތަނަށް ނުކުރާވަރަށް ގައިދުރުކުރުން ރައްޔިތުން އިޚްތިޔާރުކުރުމުން ގައިންގަޔަށް އަރާ އެހެން ހުރިހާ ބަލިތައް ފެތުރޭ މިންވަރު، މިހާތަނަށް ނުފެންނަވަރަށް ދަށަށް ގޮސްފައިވާތަން ތަފާސްހިސާބުތަކުން ފެންނަކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އޯވަރރޯލްކޮށް މިހާތަނަށް އަޅުގނަޑުމެންގެ ތެރޭގައި ނެންމިންވަރަށް އަޅުގަނޑުމެންގެ ތެރޭގައި ގައިގުރުކަން މިއޮތީ. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ގައިގަންޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ތިރިކުރެވިފައި މިވަނީ. އާންމުކޮށް މިކިޔާ ބޭސްލައިން ނުވަތަ ނޯމަލީ ޤައުމެއްގައި ހުންނަ މިންވަރަށްވުރެންވެސް އަޅުގަނޑުމެންގެ ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރުވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިމިވަނީ" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެންމެ އާންމުކޮށް ފެންނަ އަރިދަފުސް ރޯގާއާއި، ވައިރަލް ހުމާއި ޑެންގީ ހުމުގެ އިތުރުން އެހެން އަހަރުތަކުގެ ރަމަޟާން މަހާއި ދިމާކޮށް ގިނަވާ ބޭރަށްހިނގުންފަދަ ބަލިތައް މިއަހަރު މިހާތަނަށް އައިއިރު ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަމަށެވެ.
މިދުވަސްވަރަކީ ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްކަމުން ޑޮކްޓަރަށްދައްކާ މީހުން މަދުވެފައިވާކަަމަށާއި އެއާއެކު އޮންލައިންކޮށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވެސް ހިމަނައިގެން ހެދި ތަފާސް ހިސާބުތަކުން ގައިން ގަޔަށް އަރާ ބަލިތައް އަތޮޅުތަކާއި މާލެ ސަރަހައްދުންވެސް މަދުކަން ފާހަގަވާކަމަށް އެޗްޕީއެއިން ހާމަކުރައްވައެވެ. އަދި ސާރި ނުވަތަ އިންފްލުއެންޒާ ޖެހިގެން އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުވެސް ކޯވިޑް-19ގެ މިހާލަތުގައި ނިސްބަތުން މަދުކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.