އަތޮޅުތައް

ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ޚިދްމަތެއް ރ.އަތޮޅުން ލިބުން


ޓްރާންސްޕޯޓް އޮތޯރިޓީން ފޯރުކޮށްދޭ ހުރިހާ  ޚިދުމަތެއް ރ.އަތޮޅުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިއީ ލާމަރުކަޒީ އުސޫލުން ރާއްޖޭގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްދޭންފެށި 9ވަނަ އަތޮޅެވެ. ރ. އަތޮޅުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ހިދުމަތެއް މިއަދު ފެށުމާއެކު، ދެން ދޫކުރާނީ އެއްގަމު އުޅަނދު ދުއްވުމުގެ އޭ ކެޓަރގަރީގެ ލައިސަންސް ކާރޑްކަމަށާއި، އަދި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައްވެސް ކުރެވޭއިރު، އޮޑީ ނަންބަރުވެސް ދެން ރ.އަތޮޅު ކައުންސިލުން ލިބޭނެކަމަށް އެ އޮތޯރިޓީން ހާމަކުރޭ. ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ހިދުމަތެއް އުނގޫފާރުގައި ހުންނަ ރ.އަތޮޅު ކައުންސިލުންދޭންފެށުމުން، ކުރިން އެކައުންސިލުން ދެމުންދިޔަ ހިދުމަތްތައް ރަށްރަށުގެ ކައުންސިލުން ދިނުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރެއެވެ. އެގޮތުން ރަށްރަށުން އެއްގަމު ލައިސަންސް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސޭނެކަމަށް މައުލޫމާތުދެއެވެ. ރ.އަތޮޅުގެ ފަނަރަ ރަށެއްގައި ތޭވީހަކަށް ހާސް މީހުން ދިރިއުޅޭކަމަށް ރ.އަތޮޅު ކައުންސިލުންހާމަކުރެއެވެ. އަލަށްފެށި ޚިދުމަތްތަކުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ވެގެން ދާނެކަމަށް މިކަން ފައްޓަވައިދެއްވަމުން އުނގޫފާރު ދާއިރާގެ މެންބަރ ޖައުފަރު ދާއޫދު ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބުއްރަޝީދު ނާފިޒް ވިދާޅުވީ މިފަދަ ހިދުމަތްތައް ފުޅާކުރެވިގެންދަނީ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާތީކަމަށެވެ. އަދި މި ލިބޭ ފުރުސަތުތަކުގެ ފައިދާ ނުރަނގަޅުގޮތެއްގައި އެއްވެސްފަރާތަކުން ނުނެގުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އިލްތިމާސްކުރެއްވިއެވެ.ރ. އަތޮޅުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ހިދުމަތެއް ފެށިއިރު، އޭ ކެޓަގަރީގެ ލައިސަންސް ދޫކުރުމަށް ކުރަންޖެހުނު މަސައްކަތަށް ހަތްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވީއިރު، ދައުލަތުން ބޮޑުބައެއް ހިއްސާކޮށްފައިވާކަން ރ.އަތޮޅު ކައުންސިލުން ފާހަގަކުރެއެވެ. ރ.އަތޮޅުގައި މިހާތަނަށް ދޫކުރަމުން އައީ ސީ ކެޓަރގަރީގެ އެއްގަމު ލައިސަންސް ފޮތެވެ. ރާއްޖޭގެ ދަތުރުފަތުރުފަތުރުގެ ޤާނޫނީ ގިނަ ޒިންމާތަކެއް ހަވާލުވެފައިވާ އިދާރާއަކީ ޓްރާންސްޕޯޓް އޮތޯރިޓީއެވެ. އެ އޮތޯރިޓީން އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާއި އޮޑިދޯނިފަހަރާއި އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކަންކަންދަނީ ބަލަހައްޓަމުންނެވެ. މިއީ އާންމުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއްކަމަށްވުމުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.