ޚަބަރު

ކޯވިޑް-19 : ހިންމަފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް ނެގި 146 ސާމްޕަލް ނެގެޓިވް


ހިންމަފުފުށީ ރިހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓީވް ކޭސްތަކާއި ގުޅިގެން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް ނެގި 146 ސާމަޕަލް ނެގެޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

މާލެ އަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހަކު މިމަހުގެ 15ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އެންއީއޯސީގެ ޓީމެއް ގޮސް އެކި ސަރަހައްދުތަކުން ސަރވަޔަލަންސް ސާމްޕަލްތައްވަނީ ނަގާފައެވެ. އެގޮތުން ޕޮޒިޓިވް ކޭސްތައް ފެނުނު ރިހެބިލިޓޭޝަން ސެންޓަރުން 37 ސާމަޕަލް، އެރަށުގައި ހުންނަ އައްސޭރި ޖަލުން 36 ސާމްޕަލް، އިންޑަސްޓްރިއަލް ޒޯނުން 45 ސާމަޕަލް އަދި ރަށުތެރެިން ރެންޑަމްކޮށް 28 ސާމްޕަލްވަނީ ނަގާފައެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ހިންމަފުށިން ނެގި 146 ސާމަޕަލްގެ ނަތީޖާވެސް ލިބިފައިވާކަމަށާއި އެހުރިހާ ސާމަޕަލެއްގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށެވެ. ހިންމަފުށިން ސާމްޕަލްތައް ނެގި މީހުންގެތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި ގިނަބައެއްގެ ސާމްޕަލްވެސް އޭރުނަގާފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގައި ބަލި ފެތުރިފައިވާއިރު، މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރުއޮތުމުން މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައި ޙާލަތު ދެނެގަތުމަށް ދިރާސާއެއްވެސް ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ. ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރުންވެސް އޭރު ފެނިފައިވަނީ އެގޮތުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިންނެވެ.

ޖަލާއި ރީހެބިލިޓޭޝަން ސެންޓަރުފަދަ ތަންތަނުންވެސް ރެންޑަމް ސާމްޕަލްތައް ނަގަމުންދަނީ މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ނުފެންނަ މީހުންވެސް ފާހަގަވާތީކަމަށް އެންއީއޯސީއިންވަނީ ވިދާޅުވެއެވެ.