ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު 6 މީހުން ރަނގަޅުވެ ރާއްޖޭގައި މިބަލިޖެހި ރަނގަޅުވި މީހުންގެ އަދަދު 86 އަށް އިތުރުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ ތަފްސީލް ހާމަކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރޭގެ 10:00 ފެށިގެން މިރޭގެ 10:00 ޖެހުމާހަމައަށް 12 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ.
މީގެ ތެރެއިން 6 މީހަކު ޕޮޒިޓިވްވިކަން އެޗްޕީއޭގެ ޑޭޝްބޯޑުގައިވަނީ ހިމަނާފައެވެ. އެންމެފަހުން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ 11 މީހަކާއި 1 ދިވެހިންކަމަށް މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 1140 އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން އިތުރުކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. އަދި މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 73 ދުވަސް ވެފައިވާއިރު، އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވާން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުނު ހިސާބުންނެވެ. އޭގެފަހުން މިހާތަނަށް މަސްދުވަސްވެފައިވާއިރު، މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެެވެ. މީގެތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.