ޚަބަރު

ކޯވިޑް-19 : "ޓްރާންސިޓް ކަރަންޓީން"ގައި މިވަގުތު 830 މީހުން


މާލޭގައި ތިބި އެކިރަށްރަށުގެ މީހުންގެ ތެރެއިން އަނބުރާ ރަށަށް ނުދެވިތިބި މީހުންގެ ތެރެއިން 830 މީހުން ޓްރާންސިޓް ކަރަންޓީނުގައި އެބަތިބިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާންވަނީ، މިމަހުގެ 24ގެ ކުރިން މަދުވެގެން 1800 މީހުން ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށް އަނބުރާ ރަށަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓް

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވާއިރު، މާލޭގައި ތިބި އެކިރަށްރަށުގެ މީހުންގެ ތެރެއިން އަނބުރާ ރަށަށް ނުދެވިތިބި މީހުން ފޮނުވާލުމުގައި އިސްކަންދޭނެ ލިސްޓެއްވަނީ އެކުލަވާލާފައެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީން ވަނީ މާލޭގައި ތާށިވެފައިތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން ފަސް ހާހަށްވުރެ ގިނަމީހުން ރަށްރަށަށް ދިއުމަށް އެދިފައިވާކަން މީގެ ކުރިންވެސް ހާމަކުރައްވާފައެވެ.

މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭއިރު، ރަށްރަށަށް މީހުން ފޮނުވުމުގައި ކައުންސިލްތަކާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށްދާން އެދުނު ފަރާތްތައް ރިވިއުކޮށް މިލިސްޓްގައި ހިމެނެނީ 1600 މީހުންނެވެ.

މި ލިސްޓް އެކުލަވާލުމުގައި އިސްކަން ދީފައިވަނީ މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސްތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ނުދެވިތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލާ އެއްގޮތަށެވެ. އެގޮތުން ބޭސްފަރުވާއަށް މަލެ އައިސް އެނބުރި ރަށަށް ނުފުރިފައިތިބި މީހުންނާއި، ރިސޯޓުތަކުން މާލެއައިސް ރަށަށް ނުދެވި ތާށިވެފައިތިބި ފަރާތްތަކާއި، ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް މިލިސްޓު އެކުލަވާލުމުގައި ވަނީ އިސްކަން ދީފައެވެ.

މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.

މި އިންތިޒާމުގެ ދަށުން އެއްހާސް މީހުން ކަރަންޓީންކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ނިންމާފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް މިި ބަލި ފެތުރުން ކޮންޓްރޯލްކުރުމައްޓަކައެވެ. ރަށްރަށަށް ދާ މީހުންނަށް އެ ރަށްރަށަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ކޯވިޑް-19އަށް ޓެސްޓުކުރުމަށްފަހުއެވެ. މީގެ އިތުރުން ރަށްރަށުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން މާލެ އަންނަ ބޭނުންވާ މީހުންނަށް މާލެ އާދެވޭނީ ފުލުހުން ދޭ ޚާއްޞަ ހުއްދައަކާއެކުގައެވެ.