ޚަބަރު

ފަތުރުވެރިން އަލުން ގެންނައިރު އަމަލުކުރާ ގޮތުގެ އުޞޫލު ޚިޔާލަށް ހުޅުވާލާއިފި


ރާއްޖެއަށް ފަތުރުވެރިން އައުމަށް އަލުން ހުޅުވާލާއިރު އަމަލުކުރުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން"އަށް ހިޔާލު ހުށަހެޅުމަށް ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" އަކީ ރާއްޖޭގެ ބޯޑަރު ހުއްޓިފައި އޮތް އޮތުން ނިމުމަށް ގެނެސް، އަލުން ފަތުރުވެރިކަން ފެށުމަށްޓަކައި ބޭނުންވާ އުސޫލުގެ ފުރަތަމަ ދެލިކޮޕީކަމަށެވެ. އަދި މިދެލިކޮޕީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި މިހާރު ހިއްސާކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަަތު މިމަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" ފުރިހަމަކުރުމަށްފަހު އާއްމުކުރާނީ ސިނާއަތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަމަށެވެ، ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ދެލިކޮޕީގައި ފަތުރުވެރިން އަލުން ހިދުމަތްދޭން ފަށާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މުޅި އިންޑަސްޓްރީގެ އެކި ލެވެލްގައި އެޅުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މިއުސޫލުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެއަށް އައުމުގެ ކުރިން "ސޭފް ޓުއަރިޒަމް ލައިސަންސް" އެއް ބުކިން ހަދާ ތަނުން ހޯދަން ޖެހޭނެއެވެ. މިލައިސަންސާއި ނުލާ ފަތުރުވެރިންނަަށް ރާއްޖެއަށް ނާދެވޭނެކަމަށެވެ. އަދި ރާއްޖޭގައި ހުންނަން ބޭނުންވާ މުއްދަތަށް ޓްރެވަލް އިންޝުއަރެންސް އަދި މެޑިކަލް ކަވަރެޖް އޮންނަން ޖެހޭނެއެވެ.

މިއުސޫލުގެ ދަށުން ފަތުރުވެރިން ރާއްޖެ އައުމަށް ސްޕެޝަލް ޓުއަރިސްޓް ވިސާ ހޯދަންޖެހޭއިރު، މިވިސާ އަށް 100 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިވިސާ ދޭނީ މަދުވެގެން 14 ދުވަހު ރާއްޖޭގެ ތަނެއްގައި ހުންނަ ނަމައެވެ. އެއްވެސް ޓުއަރިސްޓަކަށް ހުއްދަ ލިބިގެން އަންނަ ތަން ނޫން އެހެން ތަންތަނަކަށް ދަތުރެއް ނުކުރެވޭނެއެވެ، އަދި ރާއްޖެއަށް އައުމުގެ 2 ހަފްތާ ކުރިން ކޯވިޑް-19 އަށް ޓެސްޓުކޮށް އެކަން އަންގައިދޭ ލިއުމެއް ފަތުރުވެރިން ހުށަހަޅަންޖެހޭއިރު ރައްޖޭގެ އެއަރޕޯޓަށް ޖެއްސުމާއިއެކު 100 ޑޮލަރު ދީ އަނެއްކާ އިތުރު ޕީސީއާރު ނުވަތަ ކޯވިޑް-19 އަށް ޓެސްޓްކުރުން ލާޒިމްވާނެއެވެ،

މީގެއިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ސޭފް ޓުއަރިޒަމް ލައިސަންސްދޭން އެކި ޝަރުތުތައް ހަމަކުރަންޖެހޭކަމަށް މިޑްރާފްޓްގައިވެއެވެ. މީގެތެރޭގައި ރިޒޯޓުގައި ފަތުރުވެރިންނަށް ދޫކުރަން ކަނޑައަޅާފައިވާ ކޮޓަރިތަކުގެ ތެރެއިން 10 އިންސައްތަ ރޫމް އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ހުސްކޮށް ހުރުން ލާޒިމް ކުރެއެވެ. އަދި މުވައްޒަފުންގެ ރޫމްތަކުގެ ތެރެއިންވެސް 10 އިންސައްތަ ރޫމް މިގޮތަށް އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ހުންނަން ޖެހެއެވެ. އަދި ތަނުގެ ސާފުތާހިރުކަމާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ހިދުމަތްދޭ ކޮންމެ ތަނެއްގައިވެސް ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައި ހުންނަންޖެހެއެވެ.

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަނެއްގެ މުވައްޒަފެއް ނުވަތަ ޓުއަރިސްޓެއްގެ ކިބައިންވެސް ރޯގާގެ އަލާމަތް ފެނިއްޖެޔާ އެ ތަނެއްގެ ޑޮކްޓަރަށް ވަގުތުން އެންގުމާއެކު ގިނަ ފިޔަވަޅުތަކެއް އެޅުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ދެލިކޮޕީގައި ރާއްޖެއިން ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔަން ޓެންޓޭޓިވް ނުވަތަ ލަފާކުރާ ތަރީހު ތަކެއްވެސް މިއުސޫލުގައި ހިމަނާފައިވެއެވެ. މިގޮތުން ފްރައިވެޓް ޖެޓް އަދި ސުޕާ ޔޮޓްތައް މެދުވެރިކޮށް ފަތުރުވެރިން ގެންނަން ފަށާނެކަމަށް ލަފާކުރާ ތަރީހަކީ 1 ޖޫން އެވެ. ޗާޓާޑް އަދި ކޮމާރޝަލް ފްލައިޓްތަކުން ފަތުރުވެރިން ގެންނަ ފަށާނެކަަމަށް ލަފާކުރާ ތާރީހަކީ 1 ޖުލައި އަދި ގެސްޓް ހައުސްތަކުން 1 އޯގަސްޓްއިން ފެށިގެނެވެ.