ޚަބަރު

ކޯވިޑް-19 : ވަޒީފާގެއްލި، އިނާޔަތްނުލިބޭ މީހުންގެ ތެރެއިން 300 މީހަކަށް މާދަމާ އިނާޔަތް ދެނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ މީހުންނާއި އިނާޔަތްތައް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން 300 މީހަކަށް މާދަމާ ފައިސާ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މިހާލަތާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ ވަޒީފާ ގެއްލި، އިނާޔަތް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާ މީހުންގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި މާދަމާ 300 މީހަކަށް އިނާޔަތް ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި މިހާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާލަތުގައި ރައްޔިތުންގެ ޞިއްޚީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ޚަރަދެއް ނުކޮށް ފަހަތައް ޖެހޭނަމަ ސަރުކާރެއް ދެމިއޮތުމުގެ ބޭނުމެއް ނެތްކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

"ވަޒީފާގެ ދަތިތަކާއި ގުޅިގެން މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ 3138 މީހުން. އެ ސްކީމްގައި ރަޖިސްޓްރީކުރި މީހުންގެ ތެރެއިން ޑޮކިއުމެޓް ހަމަކޮށްފައިވާ މީހުންގެ ތެރެއިން 300 މީހުންނަށް މާދަމާ އިނާޔަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފަ. އިޤްތިޞާދީ ދަތިތަކައިއެކު ސަރުކާރުން ދަނީ ރައްޔިތުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވަމުން" ނާޝިޒު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ހޭދަތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދުމަށް ކުރައްވަމުންދާ ހޭދަތަކެއްކަމަށެވެ. މި ޙާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ނާޝިޒް ވަނީ ސަރުކާރުން މިކަމުގައި މިހާތަނަށް އަމަލުކުރަމުންދަނީ ވަރަށް ހިކުމަތްތެރިކަމާއިއެކުގައިކަން ފާހަގަކުރައްވާފައެވެ.