ވިޔަފާރި

އެމްއެމްޕީއާރުސީ އޮތީ ކޮންމެ އިރަކު ފަތުރުވެރިކަން ފެށިޔަސް ތައްޔާރަށް


ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު އެމްއެމްޕީއާރުސީން އޮތީ ފަތުރުވެރިން ގެންނަން ފުރިހަމައަށް ތައްޔާރުވެގެންކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެެއްވަމުން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް ވިދާޅުވީ ކަންތައްތައް ރަގަނޅަށް ދާކަމުގައިވާނަމަ ޖުލައިމަހު ފަތުރުވެރިކަން އަލުން ފެށުމަށް މަސައްކަތް ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަދި ފައިނޭންސް މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ. އަދި ކޮންމެ އިރަކު ފަތުރުވެރިންނަށް މަރުހަބާ ކިއަންވެސް އެމްއެމްޕީއާރުސީން އޮތީ ތައްޔާރަށްކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އެނާ ވިދާޅުވީ ފަތުރުވެރިކަން ހުއްޓާލާފައި އޮތަސް އެމްއެމްޕީއާރުސީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށެވެ.

"ރާއްޖެ އިޝްތިހާރު ކުރުން ހުއްޓައެއް ނުލަން، މިކަމާ ގުޅިގެން އަޅުގަނޑުމެން ދިޔައީ އޭރަކާ ގުޅޭ ގޮތަކަށް ރާއްޖޭގެ ތަސައްވަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެންނަ ގޮތައް އެކި ތަންތާނގައި، އެކި ގޮތަށް ކަންތައްތައް ކުރަމުން. މިސާލަކަށް ޗައިނާގައި ވެއްޖެޔާ އަޅުގަނޑުމެން ވެއިބޯ ކަހަލަ ޕްލެޓްފޯމްތަކުގައި އެދުވަސްވަރާ ގުޅޭ ގޮތަށް އެެހެންނަމަވެސް އިސްތިހާރަކަށް ނުވާ ގޮތަށް ރާއްޖޭގެ ފަރާތުން އެމީހުންނާއިއެކުވާކަމަށް، މިކަހަލަ މެސެޖްތަކެއް ދެމުން ގެންދިޔައީ. އަޅުގަނޑުމެންގެ މަސައްކަތެެއް ހުއްޓައެެއް ނުލަން ކޯރޯނާވައިރަސްގެ ސަބަބުންނެއް. އެއީ އަޅުގަނޑުމެން ދެކުނު ގޮތުގައި އެދުވަސްކޮޅު އެމީހުން ގޭގަ ތިބޭއިރުވެސް ރާއްޖޭގެ ފަރާތުން އެމީހުންނަށް ހަމްދަރުދީގެ މެސެޖުތަކާއި އެކަހަލަ އެކިއެކި ކަންކަަން ފެންނަމުންދިޔައިމަ ރާއްޖެ އެމީހުންގެ ހިތުތެރެއިން ނުދާނެ. އެގޮތުގަ އަޅުގަނޑުމެން ގެންދިޔައީ." ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ މިކަމުން އަރައިގަނެ އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާނެކަމުގެ ޔަޤީންކަން ފަތުރުވެރިންނަށް ދިނުމުގެ ގޮތުން ޖޫން 8 ގައި ފޭސްބުކް މެދުވެރިކޮށް "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގައިން" ގެ ނަމުގައި ފޭސްބުކް މެދުވެރިކޮށް ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވަމުން ދާކަމަށެވެ.

"މިއީ އިންޑަސްޓްރީގެ އެންމެ ގުޅިގެން ހޭދަކޮށްލެވޭ ވަގުތުކޮޅެއް. ރާއްޖޭއިން ލިބޭ އެކި އެކްސްޕީރިއަންސްތައް ދައްކާލާ ލައިވް އެއް. އެވަގުތު ކޮޅުގެ ތެރޭގައި އަޅުގަނޑުމެން މިބަލަނީ ދުނިޔޭގެ ލޮކްޑައުންގައި ތިބޭ ފަރާތްތަކަށް ދިވެހި ރާއްޖެ މިދަނީ އަލުން ފަތުރުވެރިންނަށް މަރުހަބާކިއަން ތައްޔާރުވަމުންދާކަން އަންގަން. އަޅުގަނޑުމެން ބޭނުމީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަރުކަރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮއެދޭ ފަރާތްތަކުގެ މެސެޖާއިއެކު މި ލައިވް ކުރިޔަށް ގެންދަން. އެހެންވެ މިއިވެންޓް ވީހާވެސް ކާމިޔާބު އިވެންޓަކަށް ހެދުމަށް 60 ސިކުންތުގެ މެސެޖުތައް އެކި ފަރާތްތަކުން ހިއްސާކުރުމަށް އެދެެން" ތައްޔިބް ވިދާޅުވިއެވެ.

ރާއްޖެއިން ފަތުރުވެރިކަން އަލުން ފަށާއިރު ޓާގެޓް ކުރާނީ ކޮންމެ މާކެޓަކައްތޯ ސުވާލުކުރުމުން ތައްތިބް ވިދާޅުވީ ދުނިޔޭގެ ލެވެލްގައި އެންމެ އަވަހަށް ދަތުރުކުރަން ފަށާނީ ކޮން މާކެޓަކުންތޯ އެއްވެސް ބަޔަށް ކަށަވަރުކޮށް އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި ބައެއް ޤައުމުތަކުގައި ޑޮމެސްޓިކް ދަތުރުތައް ފަށާއިފައިވާކަމަށާއި، މިހުރިހާ ކަމެއް އެމްއެމްޕީއާރުސީން ދަނީ ގާތުން ބަަލަމުންކަމަށް ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ ފަތުރުވެރިކަން ހުއްޓިފައި އޮތް ދުވަސްވަރުވެސް، ބޭރުގެ ފަރަތްތަކުން ބޭއްވި ގިނަ ވާރޗުއަލް ހަރަކާތްތަކެއްގައިވެސް އެމްއެމްޕީއާރުސީން ބައިވެރިވިކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ތެރެއިންވެސް ރާއްޖެއިން އަލުން ފަތުުރުވެރިކަން ފަށަން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ހިއްސާކުރިކަމަށް ތައްޔިބް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީއިންވެސް ވެބިނާ އަދި އެހެން ހަރަކާތްތައް ބޭއްވުމުގެ އިތުރުން އިންޑަސްޓްރީގެ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންދާކަމަށް ތައްޔިބް ވިދާޅުވިއެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ މީހުން ވަރަށް ގިނަކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިބަލިމަޑުކަމުގެ ތެރޭގައިވެސް ގޫގުލް މެދުވެރިކޮށް އެންމެ ގިނަ ބަޔަކު ހޯދާފައިވަނީ ރާއްޖެއަށް ދެވޭނެ ގޮތްތައްކަމަށް ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.