ރިޕޯޓް

އެމްޕީއެލްގެ މުވައްޒަފުން ނުރައްކާތެރި ބުރަ މަސައްކަތެއްގައި


ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ފުރަބަންދުގެ ހާލަަތަށް ގޮސްފައިވާއިރު، ކުރީ ސަފުގައި އެކިއެކި ހިދުމަތް ދިނުމުގައި އެކި ފަރާތްތަކުން ދަނީ އަވަދިނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި އެކިއެކި ހިދުމަތް ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނާއި، ސިފައިން، ފުލުހުން، އެކި މިނިސްޓްރީތަކުގެ އޮފިޝަލުން، ވައިގެ ބަނދަރާއި، ފްލައިޓްތަކުގެ ހިދުމަތްދޭ ޓީމްތަކާއި އަދި ކުންފުނިތަކާއި ޖަމިއްޔާތައް ހިމެނެއެވެ.

ނަަމަވެސް މި ހާއްސަ ހާލަތުގައި ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ އެއް ބައެއް ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ މުވައްޒަފުންގެ މަސައްކަތަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތެކެވެ. ހާއްސަކޮށް އެމްޕީއެލްގެ ބަސް ދަތުރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ރާއްޖެއަށް ކަނޑު ބަނދަރުތަކުން އެތެރެވާ މުދާ ކްލިއަރކޮށްދިނުމުގައިި ހަރަކާތްތެރިވާ އެމްޕީއެލްގެ މުވައްޒަފުން އެކުރަނީ ބުރަ މަސައްކަތެކެވެ.

ފުރަބަންދުގެ ހާލަތުގައި އެމްޕީއެލްގެ ގްރޭޓާ މާލެ ބަސްދަތުރުތައް މަޑުޖެހިފައިއޮތަސް، ބަސް އޮޕަރޭޓްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން މިހާރު ކުރަންޖެހެނީ މާ ނުރައްކާތެރި މަސައްކަތެކެވެ. ނަމަވެސް މުހިންމު ހިދުމަތެކެވެ. ތޮއްޖެހިފައިވާ މާލޭގެ އެކި ތަންތަނުގައި ދިރިއުޅެ ބިދޭސީން ހުޅުމާލެ ފޭސްޓޫގައި ޤާއިމްކޮށްފައިވާ ފެސިލިޓީއަށް ގެންދިއުން ފަދަ މަސައްކަތްތަކެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އެންމެ ބޮޑު އަދަދެއް ހިއްސާ ކުރާ ބިދޭސީން ޓެސްޓިން ފެސިލިޓީއަށް ބަދަލުކުރުމުގެ މި އޮޕަރޭޝަނަކީ ނުހަނު ނުރައްކާތެރި، އަދި ފަރުވާ ތެރިކަމައެކު ކުރަންޖެހޭ މަަަަަސެއްކަތެކެވެ. ނަމަވެސް މިހިދުމަތް ދިނުމުގައި އުޅޭ ފަރާތްތަކުން އަމިއްލަ ނަފްސު ނުރައްކަލަ ކުރިމަތިކޮށް، މިކުރާ މަސައްކަތަކީ މުހިންމު ޤުރުބާނީއެކެވެ. މީގެއިތުރުން އެކި ޤައުމުތަކަށް އަނބުރާ ދަތުކުރާ ބިދޭސީން އެއަރޕޯޓާއި ބަނދަރުތަކަށް ގެންގޮސްދިނުމުގައި ހަރަކާތްތެރިވަނީ އެމްޕީއެލްގެ ބަސްތަކެވެ،

ބަސް އޮޕަރޭޓްކުރުމުގެ އިތުރަށް ނޯތް ހާބަރާއި، މާލެ، ހުޅުމާލެ އަދި އަތޮޅުތަކުގެ ވިޔަފާރި ބަނދަރުތަކަށް އަންނަ މުދާ ކްލިއަރ ކުރުމާއި، ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގައި ނުރައްކާތެރި ހާލަތުގައި ފަސްޖެހުމެއް ނެތި އެމްޕީއެލްގެ ސްޓާފުން ދަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ ދުވަހަކު ޒަރޫޒީ އެތައް މުދަލެއް ކްލިއަރކޮށް، ދަތިތަކެއް ނެތި ބާޒާރުން މުދާ ލިބޭނެ ގޮތް ހަދައިދިނުމުގައިވެސް އެމްޕީއެލްގެ މުވައްޒަފުންގެ ދައުރު ބޮޑެވެ. ބަލި ފެތުރެމުންދާ ޤައުމުތަކުންވެސް ރާއްޖެއަށް މުދާ އަންނައިރު، އެތަކެއްޗާ ފުރަތަމަ ކުރިމަތިލާންޖެހެނީ އެމްޕީއެލްގެ މުވައްޒަފުންނެވެ. ބައެއް ދުވަސްދުވަހު ދުނިޔޭގެ އެތަން މިތަނުން އަންނަ 100 އެއްހާ ކޮންޓެއިނަރގެ މުދާ ކްލިއަރކުރާއިރު އެތައް ބޯޓަކަށް މުދާ އެރުވުމާއި، ބޭލުމުގެ މަސައްކަތް އެބަކުރެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ގޭގައި ތިއްބަސް ކުރީ ސަފުގައި ހިދުމަތްދޭ އެތައް ބައެއް މިދަނީ އަޅުގަނޑުމެނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެމްޕީއެލްގެ މަސައްކަތްތެރިންނަށް ލޮކްޑައުނެއް، ރޯދައެއް، ޢީދެކޭ ކިޔާފައި ތިބެވޭކަށް ނޯވެއެވެ. މިޤައުމަށް މުދާ އެތެރެކުރާ ދޮރާށިތަކާ ޙަވާލުވެތިބި އެމްޕީއެލްގެ މުވައްޒަފުންގެ މަސައްކަތްތައް އެހިނގާ ގޮތަށް ނުހިނގާނަމަ އަޅުގަނޑުމެންނާ އެތައް ދައްޗެއް ކުރިމަތިވާނޭކަން ޔަޤީނެވެ.