ޚަބަރު

"ޝަކުންތަލާ ދޭވީ" ވެސް ޕްރިމިއަރ ކުރާނީ ޑިޖިޓަލް ޕްލެޓްފޯމްގައި


އިންޑިއާގެ ކުރީގެ ހިސާބު ޓީޗަރު ޝަކުންތަލާ ދޭވީގެ ބައޮގްރެފިކަލް ފިލްމް "ޝަކުންތަލާ ދޭވީ" ވެސް އެމޭޒޮން ޕްރައިމް ވީޑިއޯ އިން ޕްރިމިއަރ ކުރަން ނިންމައިފިއެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19އިގެ ބަލިމަޑު ކަމުގެ ސަބަބުން މުޅި އިންޑިއާ ވަނީ ލޮކްޑައުން ކޮށް ސިނަމާތަށްވެސް ބަންދުކޮށްފައެވެ. ކުރިން މިމަހުގެ 8 ވަނަ ދުވަހު ޕްރިމިއަރ ކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު އެމޭޒޮން އިން ޕްރިމިއަރ ކުރާނެކަން ހާމަކޮށް ވިދްޔާ ވަނީ ޓްވީޓް ކޮށްފައެވެ. ނަމަވެސް ފިލްމް ޕްރިމިއަރ ކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އެމޭޒޮން އިން ވަނީ އަޔޫޝްމަން ކުރާނާ އާއި އަމިތާބު ބަޗަންގެ ފިލްމް "ގްލާބޯ ސިތާބޯ" ވެސް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ޕްރިމިއަރ ކުރަން ނިންމާފައެވެ.

"ހިއުމަން ކޮމްޕިއުޓަރ"ގެ ނަމުން މަޝްހޫރުވި ހިސާބު އިލްމުވެރިޔާ "ޝަކުންތަލާ ދޭވީ" ގެ މި ބައޮގްރެފިކަލް ފިލްމުގައި ޝަކުންތަލާގެ ރޯލުން ފެނިގެން ދާނީ ހުނަރުވެރި ބަތަލާ ވިދްޔާ ބާލަންއެވެ. ވިދްޔާގެ އިތުރުން މިފިލްމުން ސާނިޔާ މަލޯތްރާ، އަމިތް ސާދުގެ އިތުރުން ޖިއްޝޫ ސެން ގުޕްތާވެސް ފެނިގެންދާނެއެވެ. ސާނިޔާ ފެނިގެން ދާނީ ޝަކުންތަލާގެ ދަރިފުޅު އަނޫޕަމާގެ ރޯލުންނެވެ. އަމިތު ފެނިގެންދާނީ އަނޫޕަމާގެ ފިރިމީހާ އަޖޭގެ ރޯލުންނެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އަނޫ މެނަންއެވެ.

ވިދްޔާ ބާލަން ޝަކުންތަލާ ދޭވީ ޑިޖިޓަލްކޮށް ޕްރިމިއަރކުރާކަން ހާމަކޮށް ކުރި ޓުވީޓް

ނެޝަނަލް އެވޯޑްވެސް ހާސިލް ކޮށްފައިވާ އެކްޓްރެސް ވިދްޔާ ބާލަން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު އިންޑިއާގެ މިނިވަންދުވަހު ރިލީޒް ކުރި ފިލްމް "މިޝަން މަންގަލް" އިންނެވެ. "މިޝަން މަންގަލް" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.