ޚަބަރު

ކޯވިޑް-19 : ރާއްޖެއަށް އެހީތެރިވުމާމެދު އެމެރިކާއާ މަޝްވަރާ ކުރައްވައިފި


ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމަށާއި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ރާއްޖެއާއި އެމެރިކާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝަވަރާތައް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގެ އެސިސްޓަންޓް ރޮބާރޓް ކޯބްރައިނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ ދެޤައުމު ގުޅިގެން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަޝްވަރާކުރައްވާފައިވާމަށެވެ. އަދި އެމެރިކާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އެމެރިކާގެ އެއްބާރުލުމާއެކު މިހާލަތުން އަރައިގަތުމަށް ދެޤައުމުގުޅިގެން މަސައްކަތްކޮށް، މި ބަލިމަޑުކަމުން އަރައިގަނެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސާރވިސްއިން ކުރެއްވި ޓްވީޓެއްގައިވަނީ މި ޙާލަތުން އަރައިގަނެ، އިޤްތިޞާދު އާރާސްތުކުރުމާގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުު ޞާލިޙާ މަޝްވަރާކުރައްވާފައި ވާކަމަށެވެ.

އަދި ރާއްޖެއަށް ކުރިމަތިވާ ނާޒުކު ދަނޑިވަޅުތަކުގައި އަބަދުވެސް އެމެރިކާއިން ރާއްޖެއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައިވެއެވެ.