ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު 15 މީހުން ރަނގަޅުވެ ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 74 އަށް އިތުރުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްސަލް ވިދާޅުވީ ރޭގެ މެންދަމު 12 ޖެހުމާއަމައަށް ޖުމްލަ 15 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 11 ފިރިހެނުންކަމަށެވެ. އެއީ 7 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 8 މީހުންކަމަށްވެސް ޑރ. އަފްސަލް ވިދާޅުވިއެވެ.
ޑޮކްޓަރ ވިދާޅުވީ މިއަދުގެ މިހާތަނަށް ބަލިން ރަނގަޅުވީ 2 މީހުންކަމަށެވެ. ރާއްޖޭގައި މިހާތަނަށް 1100 އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން އިތުރުކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ޑޮކްޓަރުންވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 72 ދުވަސް ވެފައިވާއިރު، އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވާން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުނު ހިސާބުންނެވެ. އޭގެފަހުން މިހާތަނަށް މަސްދުވަސްވެފައިވާއިރު، މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެެވެ. މީގެތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.